ބްލަޑް ސަރވިސަސް އަށް ޑީޖީއަކު ހޯދަން އިޢުލާންކޮށްފި

މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ޑިރެކްޓަރ ޖެނެރަލް އޮފް ބްލަޑް ސަރވިސްގެ މަޤާމަށް މީހަކު ހޯދަން ސިވިލް ސަރވިސް ކޮމިޝަނުން އިޢުލާންކޮށްފިއެވެ.

އެ އިޢުލާންގައިވާ ގޮތުން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ޝަރުތުތަކުގެ ތެރޭގައި، މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 04 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ. ނުވަތަ މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 8  އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވާންވާނެއެވެ. އަދި ތަޖުރިބާގެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރު ދުވަހު ހިންގުމުގެ ދާއިރާއެއްގައ މަސައްކަތްކޮށްފައިވާން ޖެހޭނެ ކަމަށްވެސް އިޢުލާންގައި ބުނެފައިވެއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ބްލަޑް ސަރވިސްގެ މަޤާމަށް ހޮވޭ ފަރާތަކަށް މުސާރައިގެ ގޮތުގައި 21،884ރ. ލިބޭއިރު މަޤާމުގެ އެލަވަންސްގެ ގޮތުގައި 12،534ރ. އާއި ހާޒިރީ އެލަވަންސްގެ ގޮތުގައި ހާޒިރުވާ ދުވަހަކަށް 339ރ. ލިބޭނެއެވެ. މީގެ އިތުރުން ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތާއި، ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ލިބޭނެއެވެ.

އެހެންކަމުން، މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން އެޕްރީލް 17 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށް އެޕްލިކޭޝަން ހުށަހަޅަންވާނެކަމަށް އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ.

ބްލަޑް ސަރވިސްގެ މަސައްކަތްތައް ހަރުދަނާކޮށް، ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އިދާރީ އައު މެނޭޖްމަންޓެއްގެ ބޭނުންތެރިކަން ބޮޑުވުމާއެކު، ވަގުތުން ކުރަންޖެހޭ މަސައްކަތްތަކަށް ހުއްޓުމެއް ނާންނާނެހެން މިދިޔަ މަހުގެ 24 ވަނަ ދުވަހު އެ ސަރވިސް އަށް ޑިރެކްޓަރ ޖެނެރަލަކު ހަމަޖައްސާފައިވީނަމަވެސް، ތެލެސީމިއާ ޤާނޫނުގައި ބުނާ ފަދައިން މޯލްޑިވިއަން ބްލަޑް ސަރވިސަސް އަށް ފަންނީ ޑިރެކްޓަރ ޖެނެރަލެއް ހަމަޖައްސަން ޖެހެއެވެ.

މީގެ ކުރިން  އެ ސަރވިސް އަށް ބޭނުންވާ ފަސް ނަރުހުން ހޯދުމަށްވެސް އިއުލާންކޮށްފައިވާއިރު އެތަނަށް އެހެނިހެން އިދާރީ މުވައްޒަފުންވެސް ހަމަޖެއްސުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.

ތެލެސީމިއާ ކުދިންނަށް ދެވޭ ފަރުވާ އަދި ޚިދުމަތް ރަނގަޅު ކުރުމަށްޓަކައި ތެލަސީމިއާ ސެންޓަރު ހޮސްޕިޓަލެއްގެ ގޮތުގައި ހިންގަން ބޭނުންވާ ކަންކަން ފަހިކޮށް އެ ސެންޓަރުގެ ހުރި މައްސަލަތައް ވަކި މުއްދަތެއްގެ ކުރިން ޙައްލުކުރުމަށް ރައީސް ވަނީ ނިންމަވާފައެވެ.

ހަމައެއާއެކު، އެމްބީއެސް އަދި އެމްބީއެސްގެ މަސައްކަތް ބަދަލުކުރަން ނިންމާފައިވާ އޮރެންޖް ހިޔާ އަށް ވަޑައިގެން އެތަންތަން ބެއްލެވުމަށް ފަހު ކުރެވުނު މަޝްވަރާއަށް ފަހު ރައީސް ވަނީ ތެލަސީމިއާ ކުދިންނަށާއި، ސެންޓަރުގެ ދަތިތައް ހައްލުކުރެއްވުމުގެ މަސައްކަތް ސީދާ އެމަނިކުފާނުގެ ބެއްލެވުމުގެދަށުން ކުރިއަށްގެންދިއުމަށް ނިންމަވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް