އައްޑޫ ސަވާހިލީގައި ޓޫރިސްޓު ފެސިލިޓީއެއް ތަރައްގީކޮށް، ހިންގާނެ ބަޔަކު ހޯދަން އިއުލާންކޮށްފި

އައްޑޫ ފޭދޫ އާއި މަރަދޫފޭދޫ އާ ދެމެދު ފަޅުތެރޭގައި އޮންނަ ސަވާހިލި ފަޅުރަށުގައި ޓޫރިސްޓު ފެސިލިޓީއެއް ތަރައްގީކޮށް، ހިންގާނެ ބަޔަކު ހޯދަން އައްޑޫ ސިޓީ ކައުންސިލުން އިއުލާންކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ކުރި އިޢުލާނުގައި ބުނެފައިވަނީ ސަވާހިލީގައި ޓޫރިސްޓް ފެސިލިޓީއެއް ހިންގަން ނިންމާފައިވަނީ އެރަށުން 858،462 އަކަފޫޓުގެ ބިމަކާއި ފަޅުން ކަނޑައަޅާފައިވާ ސަރަހައްދެއްގައި ކަމަށާއި، މި ފެސިލިޓީގައި މަދުވެގެން 10 ކޮޓަރިއާއި، ރެސްޓޯރެންޓަކާއި، އިންޑޯ އަދި އައުޓްޑޯ ކުޅިވަރު ވަސީލަތްތަކާއި، މޫދުކުޅިވަރުގެ ޚިދުމަތް ލިބެން ހުންނަންޖެހޭކަމަށެވެ.

ހަމައެއާއެކު، ސްޕާ، ވެލްނަސް ސެންޓަރ، ސުވިމިން ޕޫލާއި ފަތުރުވެރިންނަށް ހިދުމަތް ދެވޭ އެހެނިހެން ވަސީލަތްތައްވެސް އެ ފެސިލިޓީގައި ތަރައްގީ ކުރަންޖެހޭކަމަށާއި އެ ސަރަހައްދު ތަރައްގީކުރަން ނިންމާފައިވަނީ އެހެން ރިސޯޓުތަކާއި ގެސްޓުހައުސްތަކާއި އައްޑޫގައި ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އެކި ފަރާތްތަކަށް ވެސް ހިދުމަތް ދެވޭ ގޮތަށްކަމަށެވެ.

އަދި މި ސަރަހައްދު ކުއްޔަށް ދޭނީ ގިނަވެގެން 50 އަހަރުގެ މުއްދަތަކަށްކަމަށާއި، މި މަޝްރޫއުގެ ބީލަން ފޮތް ކައުންސިލް އިދާރާ އަދި އީމެއިލް މެދުވެރިކޮށް ވިއްކާނީ މާދަމާއިން ފެށިގެން 20 އޭޕްރީލްގެ ނިޔަލަށް، ކޮންމެ ދުވަހަކު ހެނދުނު 9 އިން މެންދުރު 1 އަށް ކަމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީބުނެފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް