އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަން އަދި ނުނިންމަން: ޑރ. ޝަމްހީދު

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަން އަދި ނުނިންމަވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަދި ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު ޑރ. އަޙްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެބޭފުޅާ ވާދަކުރެއްވުމަށް ޝައުގުވެރިކަން ފާޅުކުރައްވާފައި ވާކަމަށް ރާއްޖޭގެ ބައެއް މީޑިއާތަކުން އިއްޔެ ރިޕޯޓްކޮށްފައި ވަނިކޮށެވެ.

ޕްރައިމަރީގައި ވާދަކުރުމާ ގުޅޭގޮތުން ޑރ. ޝަމްހީދުގެ ބަހެއް ހޯދުމަށް "ސަބަބު" ނޫހުން ގުޅުމުން އެބޭފުޅޭ ވިދާޅުވީ އަދި އެގޮތަށް ނުނިންމަވާ ކަމަށާއި، ކުރައްވަނީ ހަމައެކަނި އެކަމުގެ ދިރާސާއެއް ކަމަށެވެ. 

މީގެ ކުރިން އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވަނީ ނިމިދިޔަ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު އަދި ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލެވެ. އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވާދަކުރައްވާނެ ކަމުގެ އަޑުތައް މީސްމީޑިއާގައި ވަނީ ފެތުރިފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އޮންނާނެ ވަކި ތާރީހެއް އަދި ޔަގީން ނުވި ނަމަވެސް، ޕާޓީގެ އެތެރޭގެ އިންތިހާބަށް ތައްޔާރުވުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް މައުލޫމާތު ލިބެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް