އުތުރުގެ ތިން އަތޮޅެއްގެ ދަނޑުވެރިންނަށް ވިޔަފާރި މެނޭޖްމަންޓް ތަމްރީން ފޯރުކޮށްދީފި

މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް) އާއި އެމްއައިޓީ ގުޅިގެން އުތުރުގެ ތިން އަތޮޅުގެ ދަނޑުވެރިންނަށް ވިޔަފާރި މެނޭޖްމަންޓް ތަމްރީން ފޯރުކޮށްދީފިއެވެ.

އޭގެ ތެރޭގައި ހިމެނެނީ ހއ، ހދ އަދި ށ އަތޮޅުގެ ދަނޑުވެރިންނެވެ. މިތިން އަތޮޅުން 20 ރަށެއްގެ ދަނޑުވެރިންނާއި  އާންމުންނަށް މި ތަމްރީން ހިންގި ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ. މި ތަމްރީނު ޕްރޮގްރާމްތަކުގައި 2 ބެޗަކަށް ބަހާލައިގެން 309 ދަނޑުވެރިން ބައިވެރިވެއެވެ.

މެޕްއިން އަންނަނީ ދަނޑުވެރިންނަށް ޓެކްނިކަލް ތަމްރީނާއި، އަސާސީ ދަނޑުވެރިކަމުގެ ތަމްރީނު ދިނުމުގެ އިތުރުން ޓެކްނިކަލް މުވައްޒަފުން މެދުވެރިކޮށް އެކްސްޓެންޝަން ޚިދުމަތްތައްވެސް ފޯރުކޮށްދެމުންންނެވެ. މި ގޮތުން، ރަށްރަށުގެ ދަނޑުވެރިންގެ ފޯރަމްތަކާއި އެހެނިހެން ދަނޑުވެރިންނަށް އިތުރަށް ކުރިއަރައި ތަރައްޤީވުމަށް ބޭނުންވާ ވިޔަފާރިއާއި މާލީ ހޭލުންތެރިކަން މަދުވެއެވެ.

އެހެންކަމުން މި ތަމްރިން ޕްރޮގްރާމްތަކުގެ މައިގަނޑު މަޤްޞަދަކީ ދަނޑުވެރިން އެމީހުންގެ ވިޔަފާރިތައް ތަރައްޤީކުރުމުގައި ޤާބިލުކަން އިތުރުކުރުމަށާއި ވިޔަފާރީގެ ހުނަރުތައް ދަސްކޮށްދިނުމާއި ވިޔަފާރީގެ ޚިޔާލުތައް ހުރި ދަނޑުވެރިންނަށް ވިޔަފާރި ފެށުމާއި ތަރައްޤީކުރުމާ ބެހޭ މަޢުލޫމާތާއި ހުނަރު އުނގަންނައިދީ، ކާމިޔާބު ވިޔަފާރި ހަރަކާތްތައް އުފެއްދުމަށާއި، ފުޅާކުރުމަށާއި އަދި ހިންގުމަށް އެހީތެރިވެދިނުން ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

ވިޔަފާރި މެނޭޖްމަންޓް ތަމްރީނުން ދަނޑުވެރިންނަށް މާލީ ބަޔާންތައް ތައްޔާރުކުރުމާއި، ވިއްކުމާއި މާކެޓިންގ ސްޓްރެޓެޖީތައް އެކުލަވާލުމާއި، އަދި ވިޔަފާރިއާއި ވިޔަފާރި ފެށުމުގެ ހުނަރުތައް ދަސްކޮށްދޭނެއެވެ. މިކަމުގެ ސަބަބުން ދަނޑުވެރިންނާއި ރަށު ދަނޑުވެރިންގެ ފޯރަމްތަކުގެ ތަރައްޤީއާއި ކުރިއެރުމަށް އެދެވޭ އަސަރެއް ކުރާނެކަމަށް ލަފާކުރެވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް