ރާއްޖޭގެ މީހުން ދިރިއުޅޭ 18 ރަށެއްގައި 38 މެގަވޮޓްގެ ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމެއް ޤާއިމްކުރަނީ

އެސްޕަޔަރ ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ މީހުން ދިރިއުޅޭ 18 ރަށެއްގައި 38 މެގަވޮޓްގެ ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމެއް ޤާއިމްކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރަންމަންޓުން ސޮއިކޮށްފިއެވެ.

މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޖޮއިންޓް ވެންޗަރގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކޭއީ އިލެކްޓްރިކްގެ ޖެނެރަލް މެނޭޖަރ، ވެންގް ޔޮންގް އެވެ. އަދި މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރަންމަންޓުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު، ޠާރިޤު އިބްރާހީމެވެ.


މި މަސައްކަތުގެ ސަބަބުން ގާތްގަނޑަކަށް 8.4 މިލިއަން ލީޓަރުގެ ޑީސަލް އަދި އަހަރަކު 125 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެކަމަށް އެ މިނިސްޓްރީއިން ބުނެފައިވެއެވެ. ތިރީގައި އެވަނީ މި ސިސްޓަމްތައް ބެހެއްޓުމަށް ހަމަޖެހިފައިވާ ރަށްތަކެވެ.

  1. ހދ. ހަނިމާދޫ 2000 ކިލޯވޮޓް އަވަރ
  2. ށ. މިލަންދޫ 2500 ކިލޯވޮޓް އަވަރ
  3. ނ. ހޮޅުދޫ 1500 ކިލޯވޮޓް އަވަރ
  4. ނ. މަނަދޫ 3000 ކިލޯވޮޓް އަވަރ
  5. ނ. ވެލިދޫ 3000 ކިލޯވޮޓް އަވަރ
  6. ރ. އަލިފުށި 2000 ކިލޯވޮޓް އަވަރ
  7. ރ. ހުޅުދުއްފާރު 1500 ކިލޯވޮޓް އަވަރ
  8. ބ. ދަރަވަންދޫ 2500 ކިލޯވޮޓް އަވަރ
  9. ބ. ތުޅާދޫ 3000 ކިލޯވޮތް އަވަރ
  10. މ. މުލައް 2000 ކިލޯވޮޓް އަވަރ
  11. މ. މުލި 2000 ކިލޯވޮޓް އަވަރ
  12. މ. ވޭވައް 500 ކިލޯވޮޓް އަވަރ
  13. މ. ރަތްމަންދޫ 500 ކިލޯވޮޓް އަވަރ
  14. ތ. ގުރައިދޫ 2500 ކިލޯވޮޓް އަވަރ
  15. ތ. ތިމަރަފުށި 3000 ކިލޯވޮޓް އަވަރ
  16. ގއ. މާމެންދޫ 1000 ކިލޯވޮޓް އަވަރ
  17. ގދ. ފަރެސްމާތޮޑާ 3000 ކިލޯވޮޓް އަވަރ
  18. ގދ. ގައްދޫ 2500 ކިލޯވޮޓް އަވަރ

މި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރު ވިދާޅުވީ މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުކުރުންކަމަށާއި، ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ ލަނޑުދަނޑި، 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއަށް ބޭނުންވާ ކަރަންޓުގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓު ކަމުގައި ހެދުން ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، މި 38 މެގަވޮޓް އަވަރގެ ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ބެހެއްޓުމުން މި ރަށްތަކުގައި އިތުރު ސޯލާ ޕީވީ ސިސްޓަމްތައް ގާއިމުކުރުމުން ގްރިޑް ސްޓެބިލައިޒް ކުރުމަށް މަގުފަހިކޮށްދިނުމާ އިތުރު ސޯލާ ޕީވީ ކެޕޭސިޓީ ވިއުގައަށް ގުޅުމަށް ފުރުޞަތު ފަހިވެގެން ދާނެ ކަމަށާއި، މަގޭ ސޯލަރ ޕްރޮގްރާމްގެ ދަށުންނާއި އަމިއްލަ ގޮތުން ގޭގޭގައާއި އިމާރާތްތަކުގެ ފުރާޅުގައި ސޯލަރ ޕީވީ ހަރުކުރުމަށްވެސް މަގުފަހިވެގެން ދާނެކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް