ސީއެސްސީގެ މެންބަރަކަށް މުޖުތާޒް ޢައްޔަންކުރުމުގެ މައްސަލަ ކޮމިޓީއަށް

ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުގެ މަގާމަށް މއ. ސިގްމާ، އަލްއުސްތާޛް މުޙައްމަދު މުޖުތާޒް ޢައްޔަންކުރެއްވުމުގެ މައްސަލަ ކޮމިޓީއަށް ފޮނުވައިފިއެވެ.

ސިވިލް ސަރވިސް ކޮމިޝަނަށް މުޖުތާޒު ޢައްޔަން ކުރައްވާނީ ރައްޔިތުންގެ މަޖިލީހުން ރުހުން ލިބުމުން ރައީސުލްޖުމްހޫރިއްޔާއެވެ.

ސިވިލް ސަރވިސް ކޮމިޝަނަށް މެންބަރަކު ޢައްޔަނުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލީ މިދިޔަ މާރިޗު މަހުގެ 12 ވަނަ ދުވަހުއެވެ. އެ މަޤާމު ހުސްވެފައިވަނީ މާރިޗު 11 ވަނަ ދުވަހު އެ މަޤާމުގައި ހުންނެވި އިބްރާހިމް ރަޝީދު އެ މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އިބްރާހީމް ރަޝީދު އެ މަޤާމުން އިސްތިއުފާ ދެއްވީ މުވައްޒަފުން ރެކްރޫޓް ކުރުމުގައި ހުރި ބައެއް މައްސަލަތަކާއި އިތުރު ބައެއް ތުހުމަތުތަކާއި ގުޅިގެން އެބޭފުޅާ މަޤާމުން ވަކިކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފަށާފައިވަނިކޮށެވެ.

މިނިވަން މުއައްސަސާތަކަށް ރައީސުލްޖުމްހޫރިއްޔާ މެންބަރުން ޢައްޔަން ކުރައްވާނީ އާންމުކޮށް ހުޅުވާލުމުން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިކަމަށްވާއިރު މިފަހަރު ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން މުޖުތާޒު ސިވިލް ސަރވިސް ކޮމިޝަނަށް ޢައްޔަން ކުރެއްވުމަށް ފެނިވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވެވި ސިޓީގައި ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް