އައްޑޫ ސިޓީގައި ވޯޓަރ ތީމް ޕާކެއް ތަރައްޤީކުރަނީ

އައްޑޫ ސިޓީގައި ވޯޓަރ ތީމް ޕާކެއް ގާއިމްކުރުމަށް ބޭނުންވާ ތަކެތި ގަނެ، އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނެއް ކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ މި މަސައްކަތަށް ކުރިމަތިލެވޭނީ ހަމައެކަނި ދިވެހިރާއްޖޭގައި މިފަދަ މަސައްކަތްތައް ކުރުމަށް ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށްކަމަށާއި ބިޑް ޑޮކިއުމަންޓް ވިއްކުން 2025 އެޕްރީލް 7 އިން 13 އަށް ކުރިއަށްދާނެކަމަށެވެ. އަދި ބިޑްގައި ބައިވެރިވާ ފަރާތްތަކަށް މަޢުލޫމާތު ޝީޓާއި ބިޑް ފޯމް އީމެއިލް މެދުވެރިކޮށް ފޮނުވޭނެކަމަށްވެސް އެއިޢުލާނުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން، ބީލަމުގައި ބައިވެރިވުމަށް 300 ރުފިޔާގެ އަނބުރާ ނުލިބޭ ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭއިރު ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން އެފަރާތެއްގެ ފުރިހަމަ މަޢުލޫމާތު (ނަން، އެޑްރެސް، ފޯނު ނަންބަރު އަދި އީމެއިލް) ހިމަނައިގެން ރިކުއެސްޓް ހުށަހަޅަންޖެހެއެވެ. އަދި ފައިސާ ޖަމާކުރިކަމުގެ ސްލިޕް އީމެއިލް މެދުވެރިކޮށް ފޮނުވަން ޖެހޭކަމަށްވެސް އެއިޢުލާނުގައި ބުނެފައިވެއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނެފައިވަނީ މި މަޝްރޫޢާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް 2025 އެޕްރީލް 7 އިން 14 އަށް އީމެއިލް މެދުވެރިކޮށް ސުވާލު ހުށަހެޅިދާނެކަމަށާއި އެ ސުވާލުތަކުގެ ޖަވާބު އެޕްރީލް 16 ގެ 14:00 ގެ ކުރިން ރަޖިސްޓްރީވެފައިވާ ހުރިހާ ފަރާތްތަކަށް ފޮނުވާނެކަމަށެވެ.

މި މަޝްރޫއާ ގުޅޭ މަޢުލޫމާތު ސެޝަން އެޕްރީލް 14 ވަނަ ދުވަހުގެ 10:00 ގައި އައްޑޫ ސިޓީ ކައުންސިލް އިދާރާގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، މި މަސައްކަތަށް 14,500 ރުފިޔާގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅަންޖެހޭނެއެވެ. މި އަދަދު ދިވެހި ރުފިޔާއިން ނުވަތަ ޔޫއެސް ޑޮލަރުން ހުށަހެޅިދާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ދުވަހުން ފެށިގެން 120 ދުވަހެވެ. ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2025 އެޕްރީލް 23 ވަނަ ދުވަހުގެ 10:00 ގައެވެ.

ބީލަންތައް ހުށަހަޅަންޖެހޭނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައިކަމަށާއި، އެ ސިޓީއުރައިގެ ބޭރުގައި ބީލަމުގެ ނަން، ތާރީޚު، ގަޑި އަދި ހުށަހަޅާ ފަރާތުގެ ނަން އެނގެން އޮންނަންވާނެކަމަށްވެސް ކައުންސިލުން ބުނެފައިވެއެވެ. އަދި ގަޑިޖެހުމަށްފަހު ހުށަހެޅޭ ބިޑުތައް ބަލައި ނުގަނެވޭނެކަމަށާއި އެ މަސައްކަތް ޙަވާލުކުރެވޭނެ ގޮތާއި ބިޑް އިވެލުއޭޝަންގެ މިންގަނޑުތައް ބިޑިންގ ޑޮކިއުމަންޓްގައި ހިމެނިފައިވާނެކަމަށް ކައުންސިލުން މަޢުލޫމާތުދީފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް