ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކު އަމިއްލައަށް މަރުވާން އުޅުނު މައްސަލައެއް އެންއައިސީއިން ބަލަންފަށައިފި

ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި ބަންދުގައި ހުރި މީހަކު އަމިއްލައަށް މަރުވާން އުޅުނު މައްސަލައެއްގައި ކަންހިނގައި ދިޔަގޮތް ބަލަމުން އަންނަކަމަށް ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ބުނެފިއެވެ.

އެންއައިސީގެ ފަރާތުން ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން، އިއްޔެ ރޭ 21:12 ގައި ފުލުހުންގެ ހައްޔަރުގައި ހުރި މީހަކު އަމިއްލައަށް މަރުވާން މަސައްކަތްކުރި ކަމުގެ ރިޕޯޓެއް ލިބުމާ ގުޅިގެން، އެ ކޮމިޝަންގެ އިމަޖެންސީ ރެސްޕޮންސް ޓީމް ވަނީ އެ މައްސަލަ ތަހުގީގުކުރަން ފަށާފައެވެ.

ފުލުހުން ހާމަކުރި ގޮތުގައި، މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާއަކީ 34 އަހަރުގެ ދިވެހި ފިރިހެނެއްކަމަށާއި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނީ މަސްތުވެގެން ހުރެ ގޭގެ ތަކެއްޗަށް ގެއްލުންދީ، ހަމަނުޖެހުން އުފެއްދި މައްސަލައަކާ ގުޅިގެންނެވެ. މިހާރު އޭނާއަށް އަންނަނީ ކުޅުދުއްފުށީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

މި ހާދިސާ ތަހުގީގުކުރުމަށް ފުލުހުންގެ މޭޖަރ ކްރައިމްސް ޑިޕާޓްމަންޓުގެ ޓީމެއް ކުޅުދުއްފުށްޓަށް ފޮނުވުމަށް ނިންމާފައިވާ ކަމަށާއި އަދި މި ހާދިސާއާ ގުޅޭ އިންޓަރނަލް އިންވެސްޓިގޭޝަނެއް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން ވަރަށް އިސްކަމެއް ދީގެން ކުރިއަށް ގެންދާކަމަށްވެސް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް