ފުލެޓު ލިސްޓަށް ޝަކުވާ ހުށަހަޅަން 1 މަސްދުވަސް ދީފި

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ ފަރާތްތަކުގެ އަލަށް އެކުލަވާލި ލިސްޓު ސަރުކާރުން މިއަދު އާންމުކޮށްފިއެވެ. މި ލިސްޓަށް ޝަކުވާ ހުށަހެޅުމަށް 1 މާރިޗު 2025 އިން 31 މާރިޗު 2025 އަށް ވަނީ ފުރުސަތު ދީފައެވެ.

15 ނޮވެންބަރު 2023 ގައި ކުރީގެ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޢާންމުކޮށްފައިވާ 4000 ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓް ޞައްޙަކުރުމަށް މިނިސްޓްރީން ކުރިއަށް ގެންދިޔަ މަސައްކަތް ނިމިފައިވާތީ އެ ލިސްޓު ވަނީ މިއަދު އާންމުކޮށްފައެވެ.

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން މިއަދު ނެރުނު އިއުލާނުގައި ބުނެފައިވާ ގޮތުން، 15 ނޮވެންބަރު 2023 ގައި އާންމުކުރި 4000 ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓު ސައްހަކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މި ލިސްޓު ސައްހަކުރުމުގައި މާލޭގައި މެދުނުކެނޑި 15 އަހަރު ދިރިއުޅުނުކަމާއި، ފޯމު ހުށަހެޅި ފަރާތްތަކުން ދީފައިވާ މައުލޫމާތުތަކަށް ބަލައި ދީފައިވާ ޕޮއިންޓަށް ރިއާޔަތްކޮށްފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިންގ މިނިސްޓަރ މުއްތަލިބު އަދަމް ވިދާޅުވި ގޮތުގައި، "ފްލެޓް ނުލިބޭ ފަރާތްތައް ޝަކުވާ ހުށަހެޅުމަށް އެއް މަސް ދުވަހުގެ މުއްދަތެއް ލިބިގެންދާނެ. މި މުއްދަތުގެ ތެރޭގައި ލިސްޓުން އުނިވި ފަރާތްތަކަށް ޕޯޓަލް އިން ޝަކުވާ ހުށަހެޅޭނެ."

އާ ލިސްޓުގައި ތިން ކޮޓަރީގެ ފްލެޓަށް ކުރިމަތިލި 3،721 ފަރާތުގެ ތެރެއިން ޝަރުތު ހަމަވެ 75 ޕޮއިންޓަށްވުރެ މަތިން 1،423 ފަރާތަކަށް ވަނީ ޕޮއިންޓު ލިބިފައެވެ. އަދި ދެ ކޮޓަރީގެ ލިސްޓުގައި ހިމެނޭ 1،218 ފަރާތުގެ ތެރެއިން ޝަރުތު ހަމަވެ 73 ޕޮއިންޓަށްވުރެ މަތިން 397 ފަރާތަކަށް ޕޮއިންޓު ލިބުނެވެ. މިއާއެކު ޖުމްލަ 1،820 ފަރާތަކަށް ފްލެޓް ލިބޭނެ ކަމަށް ވަނީ ކަނޑައަޅާފައެވެ.

ލިސްޓަށް ޝަކުވާ ހުށަހެޅުމަށް އެއް މަސް ދުވަހުގެ މުއްދަތެއް ދީފައިވާއިރު، ލިސްޓުން އުނިވި ފަރާތްތަކަށް ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެއެވެ. އަދި އާންމު ފަރާތްތަކަށް ލިސްޓުގައި ހިމެނޭ މީހަކާ ގުޅޭ ޝަކުވާއެއް އޮތްނަމަ މިނިސްޓްރީއަށް ސިޓީ ނުވަތަ އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް