ރޯދައިގެ ޑިސްކައުންޓަށް ތައްޔާރުވާން، މާދަމާ, ސްޓެލްކޯގެ ޓީމުއެކީ ނުކުންނަނީ!

ރަމަޟާން މަހުގެ ކަރަންޓް ބިލުން ޑިސްކައުންޓް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙަައްމަދު މުއިއްޒު ވެވަޑައިގެންނެވި ވަޢުދު އެންމެ ފުރިހަމައަށް ތަންފީޒު ކުރުމަށްޓަކައި، މާދަމާ މުޅި ސްޓެލްކޯ އެކުގައިހެން ނުކުމެ މަސައްކަތް ފަށަން ނިންމައިފިއެވެ.

މިއަހަރުގެ ރަމަޟާން މަހުގެ ކަރަންޓު ބިލުން ކޮންމެ ގޭބީސީއަކަށް މަދުވެގެން 10 އިންސައްތައާ ހަމައަށް ޑިސްކައުންޓު ލިބޭނެ ކަމަށް ސްޓެލްކޯއިން ވަނީ މަޢުލޫމާތު ދީފައެވެ. އަދި ރަމަޟާން މަހަށް ވަމުންދާ ތައްޔާރީތަކާއި ބިލުތަކަށް ޑިސްކައުންޓު ދިނުމުގައި އަމަލުކުރާނެގޮތުގެ މަޢުލޫމާތު ނޫސްވެރިންނާ ހިއްސާކޮށްފައިވެއެވެ.

ކުރިއަށް އޮތް ރަމަޟާން މަހުވެސް ކަރަންޓު ބިލާއި ފެން ބިލުން ޑިސްކައުންޓް ދެއްވާނެކަމަށް ރައީސް ޑރ މުއިއްޒު އިޢުލާންކުރެއްވީ މިމަހުގެ 23 ވަނަ ދުވަހު ދ. ކުޑަހުވަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ސްޓެލްކޯއިން ވިދާޅުވެފައިވަނީ، މިދިޔަ ރަމަޟާން މަހު ދިމާވި އެންމެ ބޮޑު އެއް ދަތިކަމަކީ ރަމަޟާން މަހުގެ ޑިސްކައުންޓް ދެ މަހެއްގެ ބިލުގައި ހިމަނަން ޖެހުން ކަމަށެވެ. މިކަން ހައްލުކުރުމަށްޓަކައި މިއަހަރު ރަމަޟާން މަހަށް ތައްޔާރުކުރާނީ އެއް ބިލު ކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.

މާދަމާ މާލެ ސަރަހައްދުގައި ކަރަންޓް މީޓަރުގެ ރީޑިންގ ނެގުމަށްޓަކައި ސްޓެލްކޯގެ 350 މުވައްޒަފުން ހަރަކާތްތެރިވާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. މާދަމާ ރީޑިންގ ނެގުމަށްފަހު ދެން ރީޑިންގ ނަގާނީ ރަމަޟާން މަސް ނިމުމުން މާރިޗު މަހުގެ 30 ވަނަ ދުވަހުއެވެ.

ސްޓެލްކޯއިން ބުނެފައިވަނީ، ޑިސްކައުންޓު ދިނުމުގައި އަމަލުކުރާނީ މިދިޔަ އަހަރެކޭވެސް އެއްގޮތަށް ކަމަށެވެ. ހުރިހާ ގޭބީސީއަކަށްވެސް އެންމެ މަދުވެގެން 10 އިންސައްތައާ ހަމައަށް ޑިސްކައުންޓު ލިބޭނެ ކަމަށާއި ޑިސްކައުންޓު ދޭނީ ފާއިތުވި އެއް އަހަރު ދުވަހު ކަރަންޓު ބޭނުންކޮށްފައިވާ އެވްރެޖަށް ބަލައި އިތުރުވާ ބަޔަށް ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

މިދިޔަ ރަމަޟާން މަހު ސަރުކާރުން ވަނީ ފެން ބިލާއި ކަރަންޓް ބިލުތަކަށް 142 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް ދެއްވާފައެވެ. މިއީ ރަމަޟާން މަހެއްގައި މިގޮތަށް ހުރިހާ ރައްޔިތުންނަށް ބިލުތަކުން ޑިސްކައުންޓު ދިން ފުރަތަމަ ފަހަރެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް