ރޯދައަށް ސަރުކާރުންދޭ މަސްދަޅު ކޭސް ބަހަން ފަށައިފި، ގިނަބަޔަކު ބަލައިގޮސް ކިއޫގައި!

ރަމަޟާން މަހަށް ގޭބިސީތަކަށް ސަރުކާރުން ދެއްވާ މަސްދަޅު ކޭސް ބަހަން މިރޭ 20:30 ގައި ފެށުމާއެކު ގިނަބަޔަކު ބަލައި ގޮސް ދިގުކިއުލައިންތަކެއް ހަދައިފިއެވެ. މިކަމުގެ ރަސްމިއްޔާތު ބޭއްވުނީ މިފްކޯގެ އޮފީސް ކޮމްޕައުންޑުގައެވެ.

މި ރަސްމިއްޔާތުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު، އެސްޓީއޯގެ ސީއީއޯ ޝިމާދު އިބްރާހިމް އަދި މިފްކޯގެ ސީއީއޯ ޑރ. ވިޓާލީ ލޫބުމޮވް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މާލޭ ސަރަހައްދުގައި މަސްދަޅު ކޭސް ބަހަން ހަމަޖެހިފައިވަނީ މިމަހުގެ 27 ގެ ނިޔަލަށް ހުކުރުދުވަސް ފިޔަވާ ކޮންމެ ދުވަ ދުވަހަކުއެވެ. ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ ދެތިން އަތޮޅު ފިޔަވާ ހުރިހާ އަތޮޅަކަށް މަސްދަޅު ކޭސް ބެހުމަށް މިހާރު ފޮނުވާފައިވާ ކަމަށެވެ. އަދި ރ އަދި ރޯދަމަސް ފެށުމުގެ ކުރިން މަސްދަޅު ބަހާ ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، ރޯދަމަސް ފެށުނުނަމަވެސް މަސްދަޅު ބެހުމުގެ ކަންކަން ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެސްޓީއޯގެ ސީއީއޯ ޝިމާދު އިބްރާހިމް ވިދާޅުވީ މިފަހަރު ރައީސް ނިންމެވީ ދިވެހި އުފެއްދުމެއް ރައްޔިތުންނަށް ދިނުމަށް ކަމަށެވެ. އަދި ގޭބިސީތަކަށް ކަރަންޓު މީޓަރު ނަންބަރަށް މަސްދަޅު ކޭސް ދިނުމަށް ޕްލޭން ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިފްކޯގެ ސީއީއޯ ޑރ. ވިޓާލީ ލޫބުމޮވް ވިދާޅުވީ ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް ހުރިހާ ގޭބިސީއަކަށްވެސް ބޭނުންވާ މިންވަރަށް މަސްދަޅު އުފައްދާ ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން އޮތް ކަމަށެވެ.

މާލޭ ސަރަހައްދުގައި މަސްދަޅު ކޭސް ބަހާނީ

  • މިފްކޯ އޮފީސް ކޮމްޕައުންޑް،
  • ހެންވޭރު އެމްޓީސީސީ ސޯމިލް،
  • ވިލިމާލޭ ވެމްކޯ ސައިޓް،
  • ހުޅުމާލެ ފޭސް-1ގެ އުމަރު ޒާހިރު ބިލްޑިންގ
  • އަދި ހުޅުމާލެ ފޭސް-2، ހިޔާ ފްލެޓް ޓަވަރ 10ގެ ޔޫތު ސެންޓަރުގައެވެ.

މަސްދަޅު ކޭސް ދޫކުރާނީ ހަމައެކަނި ދިވެހީންނަށް ކަމަށާއި، މަސްދަޅު ކޭސް ބަލާ ދާ މީހާގެ އައިޑީކާޑު އަދި އެ ގޭބީސީއެއްގެ ކަރަންޓް ބިލުގެ އެންމެ ފަހު ތިން މަހުގެ ބިލުގެ ތެރެއިން ކަރަންޓް މީޓަރު އެނގޭނެ ފަދަ ލިޔުމެއް ގެންނަން ޖެހޭނެ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް