މިމަހު 22 އިން 28 އަށް، ރަސްފަންނު ބަންދު ކުރަނީ

ރަސްފަންނު މަރާމާތުކުރުމަށްޓަކައި މިމަހުގެ 22 އިން 28 އަށް އެސަރަހައްދު ބަންދުކުރުމަށް އިމާރާތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.

މިކަމާ ގުޅޭގޮތުން އެވުޒާރާއިން މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ރަސްފަންނުގައި ކުރަންޖެހޭ މަރާމާތުގެ މަސައްކަތްތައް ކުރުމަށްޓަކައި މިމަހުގެ 15 ވަނަ ދުވަހު ސިޓީ ކައުންސިލުން އެވުޒާރާއާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި މިމަސައްކަތް ކުރިއަށް ގެންދާނީ ސަރުކާރުގެ ކުންފުނިތަކާ ގުޅިގެން ކަމަށާއި، މިމުއްދަތުގައި މުޅި ރަސްފަންނުގެ މަރާމާތުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ރަސްފަންނަކީ 2016 ވަނަ އަހަރު މާލޭގެ ރައްޔިތުންގެ ހިތްފަސޭހައަކަށް ތަރައްޤީކޮށް ހުޅުވާފައިވާ ތަނެކެވެ. މިތަނުގައި ޢާއިލާއާއެކު ހިތްހަމަޖައްސާލަން ތިބެވޭނެ ޖޯލިފަތިތަކާއި ހޮޅުއަށިތަކުގެ އިތުރުން މަސްބާނަން ދާ މީހުންނަށް ޚާއްސަ ހަޓަކާއި ބާބަކިއު ހަދަން ތިބެވޭނެ އިންތިޒާމުތަކާއި، ޕާކިންގ ޒޯނެއް ވަނީ ގާއިމްކޮށްފައެވެ. ނަމަވެސް މިވަގުތު މިތަނުގައި ގާއިމްކޮށްފައިވާ ވަސީލަތްތަކުގެ ތެރެއިން ގިނަ ތަންތަން ބޭނުން ނުކުރެވޭ ހާލަތުގައި ވުމާއެކު، އެކަށީގެންވާ ގޮތެއްގައި ބެލެހެއްޓިފައި ނުވާކަމީ އެތަން ބޭނުންކުރާ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމަކަށް ވެފައިވެއެވެ.

މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ރަސްފަންނު ކުރިއަށްވުރެ ފުރިހަމައަށް ތަރައްޤީކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި މިހާރު މިދަނީ ސްޓޭކް ހޯލްޑަރުންނާ ގުޅިގެން މި މަސައްކަތްތައް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް