މިއަހަރު ހައްޖަށްދާ 500 ހައްޖުވެރިން ދަތުރު ކުރާނީ މޯލްޑިވިއަން ގައި

މިއަހަރުގެ ހައްޖު މޫސުމުގައި ރާއްޖެއިން ފުރާ 500 ހައްޖުވެރިން ގައުމީ އެއާލައިން މޯލްޑިވިއަނުން ދަތުރުކުރާގޮތަށް މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. އިސްލާމީ މަރުކަޒު ހޯލުގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލާއި މޯލްޑިވިއަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާޒެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވި އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ މިއަދަކީ ތާރީޚީ ދުވަހެއް ކަމަށެވެ. "ސަޢޫދީ ސަރުކާރުން ކޮންމެ ޤައުމަކަށްވެސް އެ ޤައުމެއްގެ ޤައުމީ އެއާލައިނުން 50 ޕަސެންޓް ހައްޖުވެރިން އުފުލުމުގެ ހުއްދަ ދީފައިވީނަމަވެސް، ރާއްޖޭގައި މިކަން މީގެ ކުރިން ހަމަޖެހިފައި ނުވޭ،" މިނިސްޓަރ ވިދާޅުވިއެވެ.

ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޝަކީލް ވިދާޅުވިގޮތުގައި، މި އެއްބަސްވުމުގެ ދަށުން މިއަހަރު ރާއްޖެއިން ހައްޖަށް ފުރާ ހައްޖުވެރިންގެ 50 އިންސައްތަ ދަތުރުކުރާނީ މޯލްޑިވިއަންގެ ފްލައިޓުތަކުގައެވެ. އަދި މިކަމުގެ ސަބަބުން ޓްރާންސްޕޯޓަށް ކުރާ ޚަރަދު 3.6 މިލިއަން ރުފިޔާ ކުޑަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މޯލްޑިވިއަންގެ މެނޭޖިންގ ޑިރެކްޓަރ އިޔާޒް ފާހަގަކުރެއްވި ގޮތުގައި މިކަން ހަމަޖެހުމުގެ ފަހަތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުން ބޮޑެވެ. އަދި މި ޚިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތްކުރެއްވި އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ.

އަދި ކުރިއަށް އޮތް ތަނުގައި އުމްރާ ދަތުރުތައްވެސް މޯލްޑިވިއަންގައި ކުރުމަށް މަޝްވަރާކުރަމުންދާ ކަމަށް ހައްޖު ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް