ފާނަ އަދި ހުއިފިލަނޑާ އާލާކުރުމުގެ ތަމްރީން ޕްރޮގްރާމެއް ފަށައިފި

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއާއި ޗައިނާގެ ފުޖިއާން ރިޝާރޗް އިންސްޓިޓިއުޓް ގުޅިގެން ފާނައާއި ހުއިފިލަނޑާ އާލާކުރުމުގެ ތަމްރީން ޕްރޮގްރާމެއް ފަށައިފިއެވެ. މި ޕްރޮގްރާމަކީ މަސްވެރިކަމާބެހޭ ވުޒާރާގެ އެދިލެއްވުމަކަށް އެ އިންސްޓިޓިއުޓުން ކުރިއަށްގެންދާ ތަމްރީން ޕްރޮގްރާމެކެވެ.

މި ތަމްރީން ޕްރޮގްރާމްގައި ފާނައާއި ހުއިފިލަނޑާ އާލާކުރާނެ ގޮތުގެ އިތުރުން، އެ ދިރޭތަކެއްޗަށް ބޭނުންވާ ކާނާ ތައްޔާރުކުރާނެ ގޮތާއި، ކާނާ ބަލަހައްޓާނެ ގޮތް ދަސްކޮށްދޭނެ ކަމަށް މަސްވެރިކަމާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވިއެވެ.

މި ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންދިއުމުގެ މައިގަނޑު މަޤްޞަދަކީ ފާނައާއި ހުއިފިލަނޑާގެ ސްޓޮކް ދަށްވަމުން ދިއުމާ ގުޅިގެން، އެ ދިރޭތަކެތި އާލާކުރުމުގެ ހުނަރު ދަސްކޮށްދިނުން ކަމަށް ވުޒާރާއިން ފާހަގަކުރެއްވިއެވެ.

ކ. މަނިޔަފުށީގައި ކުރިއަށްދާ މި ތަމްރީން ޕްރޮގްރާމްގައި ޗައިނާގެ ފުޖިއާން ރިޝާރޗް އިންސްޓިޓިއުޓްގެ 6 ޕްރޮފެސަރުން ތަމްރީނު ދެއްވާއިރު، މަސްވެރިކަމާބެހޭ ވުޒާރާގެ 20 މުވައްޒަފުން ބައިވެރިވެ ވަޑައިގަންނަވައެވެ.

7 ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ތަމްރީން ޕްރޮގްރާމަކީ މަސްވެރިކަމާބެހޭ ވުޒާރާއިން ޗައިނާއާ ގުޅިގެން ކުރިއަށްގެންދާ މިބާވަތުގެ ފުރަތަމަ ތަމްރީން ޕްރޮގްރާމެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް