ހިލޭ ސިއްހީ ޗެކަޕް ހެދޭ ކެމްޕޭނެއް، މިރޭ އެމްއެންޔޫގައި!

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިންތިޒާމްކޮށްގެން ދުޅަހެޔޮ ސިއްހަތަކަށް އަހުލުވެރި ކުރުމުގެ ގައުމީ ކެމްޕޭނުގެ ދަށުން ހާއްސަ ހަރަކާތެއް މިރޭ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ހަރަކާތުގައި އަމިއްލަ ސިއްހަތު ބެލެހެއްޓުމަށް އެހީތެރިވެދޭ އަސާސީ ސިއްހީ ޗެކަޕްތައް ހިލޭ ހެދުމުގެ ފުރުސަތު ހުޅުވާލާފައިވެއެވެ.

ރަށްދެބައި މަގުގައި ހުންނަ އެމްއެންޔޫގެ މައި މަރުކަޒުގައި މިރޭ 8 އިން 10 އަށް ކުރިއަށްދާ މި ހަރަކާތުގައި ސިއްހަތާ ގުޅުންހުރި އެކި ދާއިރާތަކުން މަޢުލޫމާތު ފޯރުކޮށްދިނުމަށް ސްޓޯލްތަކެއް ޤާއިމްކުރެވިފައިވާ ކަމަށް ޔުނިވަރސިޓީން މަޢުލޫމާތު ދެއެވެ.

މި ހަރަކާތުގައި ގައިންގަޔަށް ނާރާ ބަލިތަކާއި އެ ބަލިތަކުން ރައްކާތެރިވުމުގެ ގޮތްތަކާއި، ދުންފަތުގެ އިސްތިޢުމާލުން ދުރުހެލިވުމާ ގުޅޭ މާހިރުންގެ ލަފާ ފޯރުކޮށްދެވޭނެއެވެ. މީގެއިތުރުން ސިއްހަތަށް ފައިދާހުރި ކެއުމުގެ އާދަތަކާއި ކާނާގެ ރޭވުންތަކުގެ މަޢުލޫމާތުވެސް ލިބިގަނެވޭނެއެވެ.

އަދި މަސައްކަތާއި ދިރިއުޅުމުގެ ހަމަހަމަކަން ދެމެހެއްޓުމާއި ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމުގެ އުކުޅުތަކާއި، ދުވަހުގެ އާދަކާދައިގެ ތެރެއަށް ޖިސްމާނީ ހަރަކާތްތައް ހިމެނުމުގެ ފަސޭހަ ގޮތްތައް ދަސްކޮށްދެވޭނެ ކަމަށް ޔުނިވަރސިޓީން ބުނެފައިވެއެވެ.

މި ހަރަކާތަކީ މުޖުތަމަޢުގެ ސިއްހީ ހޭލުންތެރިކަން އިތުރުކޮށް، ބަލިތަކުން ރައްކާތެރިވުމަށް ބާރުއަޅައި، ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމަށް އެމްއެންޔޫއިން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް