އެސްޓީއޯއިން ފިޔާ ކިލޯއެއް 16 ރުފިޔާއަށް

ރަމަޟާން މަހާ ދިމާކޮށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބާޒާރަށް ނެރޭ ފިޔާ ކިލޯއެއް ވިއްކާނީ 16 ރުފިޔާގެ އަގުގައި ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

އެސްޓީއޯއިން މައުލޫމާތު ދިން ގޮތުގައި 25 ކިލޯގެ ފިޔާ ބަސްތާއެއް ލިބޭނީ 350 ރުފިޔާއަށެވެ. އަދި 10 ބަސްތާއަށް ވުރެ ގިނައިން ގަންނަ ފަރާތްތަކަށް ބަސްތާއެއް 340 ރުފިޔާއަށް ލިބޭނެއެވެ. މި އަގުތަކުގައި އެސްޓީއޯގެ ފިހާރަތަކުން މިހާރު ފިޔާ ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

ރޯދަމަހަކީ ފިޔާގެ ޑިމާންޑް އެންމެ ބޮޑު އެއް މޫސުން ކަމަށްވާތީ، ބާޒާރުގައި ފިޔާގެ އަގު ކޮންޓްރޯލް ކުރުމުގެ ގޮތުން ދުރާލާ ފިޔާ ބާޒާރަށް ނެރެން ނިންމި ކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ. މިވަގުތު ބާޒާރުގައި ފިޔާ ކިލޯއެއް ވިއްކަމުން އަންނަނީ 25 ރުފިޔާއާއި 30 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ.

މީގެއިތުރުން އެސްޓީއޯއިން ވަނީ ކާށްޓާއި ލުނބޯ ވެސް ބާޒާރަށް ނެރުމަށްޓަކައި ސްޓޮކް ރާއްޖެއަށް ގެނެސްފައެވެ. މި ތަކެތި މި ފެށޭ ހަފްތާގައި ބާޒާރުން ލިބޭނެ ކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ. އެސްޓީއޯއިން ވިއްކާ ކާށި ލިބޭނީ ފަސް ރުފިޔާގެ އަގުގައެވެ.

އެހެން އަހަރުތަކާ ޚިލާފަށް މިއަހަރުގެ ރޯދަމަހަށް އެސްޓީއޯއިން ވަނީ 24 ބާވަތެއްގެ މުދާ ޚާއްޞަ އަގުތަކެއްގައި ވިއްކުމަށް ހަމަޖައްސާފައެވެ. މީގެ ތެރޭގައި އަސާސީ ކާބޯތަކެއްޗާއި، ތަރުކާރީ، މޭވާ އަދި ޕްރޮސެސްޑް ކާނާގެ އިތުރުން ކެއްކުމަށް ބޭނުންކުރާ ތަކެތި ހިމެނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް