ގައުމީ ކެމްޕެއިން "ފަހި ސިއްޙަތު" އިފްތިތާހު ކޮށްފި

ދުޅަހެޔޮ ސިއްހަތަށް އަހުލުވެރިކުރުމުގެ ގައުމީ ކެމްޕެއިން "ފަހި ސިއްޚަތު" މިއަދު ވަނީ އިފްތިތާހުކޮށްފައެވެ. މި ކެމްޕެއިން އިފްތިތާހު ކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއުއެވެ.

މި ރަސްމިއްޔާތު އިފްތިތާހުކޮށްދެއްވަމުން ވަޒީރު ރާފިއު ވިދާޅުވީ މި ކެމްޕެއިނަކީ ވަރަށް ބޭނުންތެރި ކެމްޕެއިނެއް ކަމަށެވެ. އަދި ދުޅަހެޔޮ ސިއްހަތަށް އަހުލުވެރިކުރުމުގެ ގޮތުން އިތުރު ކުޅިވަރުގެ ހަރަކާތްތަކާއި މަސައްކަތްތައް ކުރާ ތަންތަނާއި މުޖުތަމައުގައި ފިޓްނަސްއާ ގުޅުން ހުރި ޕްރޮގްރާމްތައް ހިންގާ ހަރަކާތްތެރިވެ އުޅުމުގެ މުހިންމުކަން ދިވެހިންނަށް އަންގައިދޭން އެބަޖެހޭ ކަމަށް ރާފިއު ވަނީ ވިދާޅުވެފައެވެ.

މި ރަސްމިއްޔަތުގައި ދެއްކެވި ޕްރެޒެންޓޭޝަނުގައި، ދިވެހިރާއްޖޭގެ ސިއްޙީ ހާލަތާ ގުޅޭ މުހިންމު ތަފާސްހިސާބުތަކެއް ވަޒީރު ވަނީ ހާމަކުރައްވާފައެވެ. އޭގެ ތެރޭގައި:

  • - ކޮންމެ ހަތަރު ދިވެއްސަކުން އެކަކު ދުންފަތުގެ އިސްތިއުމާލު ކުރާކަން
  • - ކޮންމެ ދެމީހަކުން އެކަކީ އެކަށީގެންވާ ވަރަށް ވުރެ ހަރަކާތްތެރިކަން މަދު ބައެއްކަން
  • - އާބާދީގެ ދެބައިކުޅަ އެއްބައި މީހުންނަކީ ހުންނަން ޖެހޭ ވަރަށް ވުރެ ބަރުދަން ބަރުކޮށް ތިބޭ މީހުންކަން
  • - ޒުވާނުންގެ ތެރެއިން ކޮންމެ ތިން މީހަކުން އެކަކީ ހިތުގެ ބަލިތަކަށް މަގުފަހިވާ ދިރިއުޅުން އުޅެމުން ދާ ބައެއްކަން

"މިއީ ހަޤީގަތުގައިވެސް އަޅުގަނޑުމެން ވަރަށް ކަންބޮޑުވާ މައްސަލައެއް، މިކަންކަމަށް އަވަސް ހައްލެއް ހޯދުމަށްޓަކައި ހަރަކާތްތެރި ދިރިއުޅުމަކަށް އެންމެންވެސް ބާރު އަޅަން ޖެހޭ. ރަނގަޅު ކާނާ ކެއުމަށް ހިތްވަރު ދީ ދުޅަހެޔޮ ދިރިއުޅުމެއްގެ ސަޤާފަތެއް ބިނާކުރަން ޖެހިފައި އަޅުގަނޑުމެންނަށް މިވަނީ." ވަޒީރު ވިދާޅުވިއެވެ.

ހަމައެއާއެކު، ސްކޫލުތަކުގައި، މާރުކޭޓުތަކުގައި އަދި ހޮޓާ ކެފޭތަކުގައި އުފައްދާ ކާނާގައި ލޮނާއި، ހަކުރު އަދި ސިއްޚަތަށް ގެއްލުންދޭ މާއްދާތައް މަދުކޮށް ސިއްޚަތަށް ފައިދާ ހުރި ކާނާ ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެންމެންވެސް އިސްކަންދޭން ޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ. ސިއްޚަތަށް އިސްކަން ދޭ މާހައުލެއް އުފެއްދުމަށް އާއިލާ ތަކާއި މަސައްކަތްކުރާ ތަންތަނާއި މުޖުތަމައުގެ އެހެނިހެން ފަރާތްތަކުން ދުޅަހެޔޮ ދިރިއުޅުމަށްޓަކައި ހިތްވަރުދީ އެއްބާރުލުން ދިނުމަށް ރާފިއު ވަނީ ވިދާޅުވެފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް