އެސްޓީއޯ ގެ ކާށި ޝިޕްމަންޓު؛ ކާށްޓެއް އެންމެ 5 ރުފިޔާއަށް!

މިއަހަރުގެ ރަމަޟާން މަހަށް ޚާއްސަކޮށްގެން އެސްޓީއޯއިން ކާށީގެ ފުރަތަމަ ޝިޕްމަންޓް ރާއްޖެ ގެނެސް، މާދަމާއިން ފެށިގެން ކާށްޓެއް 5 ރުފިޔާގެ އަގުގައި ވިއްކަން ފަށާނެ ކަމަށް އެ ކުންފުނިން މިއަދު ހާމަކޮށްފިއެވެ.

މިވަގުތު ބާޒާރުގައި ކާށްޓެއްގެ އަގު 10 ރުފިޔާއާއި 25 ރުފިޔާއާ ދެމެދުގައި ހުރި ނަމަވެސް، ރަމަޟާން މަހަށް ޚާއްސަކޮށްގެން އިންޑިއާއިން އެތެރެކުރި ކާށި ވިއްކުމަށް ނިންމާފައިވަނީ އަގު ހެޔޮކޮށް ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ. މި ކާށި ވިއްކުމަށް ހަމަޖެހިފައިވަނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް މެދުވެރިކޮށެވެ.

ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން އެސްޓީއޯއިން ވަނީ ހަތަރު ކެޓަގަރީއަކަށް ބަހާލައިގެން ކާބޯތަކެތި އެތެރެކުރުމަށް ރާވާފައެވެ. މީގެ ތެރޭގައި އަސާސީ ކާބޯތަކެތީގެ ގޮތުގައި ފިޔާ، ބިސް، އަލުވި، ކާށި އަދި ކަދުރުގެ އިތުރުން، ތާޒާ ތަރުކާރީއާއި މޭވާ އަދި ތައްޔާރީ ކާނާވެސް ހިމެނެއެވެ.

އެސްޓީއޯއިން ވިދާޅުވި ގޮތުގައި މާކެޓުގެ އަގުތަކަށް އަންނަ ބަދަލުތައް ގަވާއިދުން ބަލަމުން ގެންގޮސް، އަގު މައްޗަށްދާ ތަކެތި ފާހަގަކޮށް، އެކަމަށް އަވަސް ހައްލެއް ގެނައުމަށް މަސައްކަތް ކުރާނެއެވެ. އަދި ކުރީ އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް އާންމު ފަރުދުންނާއި ވިޔަފާރިވެރިންނަށް ފަހި ގޮތްތަކެއް ހޯދައިދިނުމަށް ޚާއްސަ ސަމާލުކަމެއް ދޭނެއެވެ.

މީގެއިތުރުން، އެސްޓީއޯއިން ރޯދަ މަހަށް ޚާއްސަކޮށްގެން ގެނައި ލުނބޯވެސް ހޮނިހިރު ދުވަހުން ފެށިގެން އެސްޓީއޯ ގެ ފިހާރަތަކުން ގަންނަން ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދީފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް