މާފުށީޖަލުގައި، ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހަކު ކުއްލިގޮތަކަށް މަރުވެއްޖެ

މާފުށީ ޖަލުގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި ނައިޖީރިއާގެ 35 އަހަރުގެ ފިރިހެނަކު މިއަދު ހަވީރު ކުއްލި ގޮތަކަށް މަރުވެއްޖެ އެވެ. މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން މި މަޢުލޫމާތު ހާމަކޮށްފައިވެއެވެ.

ކަރެކްޝަނަލް ސަރވިސްއިން ބުނެފައިވާ ގޮތުގައި މަރުވި މީހާއަކީ އިމޭނުއަލް ޖޯންޕޯލް އޮކޮނާޗީ ނަމަކަށް ކިޔާ ބިދޭސީއެކެވެ. އޭނާ މަރުވީ އެހެން ބަންދު މީހުންނާއެކު ޖަލުގެ ޔާޑުތެރޭގައި ކުޅެން ހުއްޓައި ކުއްލިއަކަށް ވެއްޓުމުންނެވެ. ވެއްޓުމާއެކު ވަގުތުން ޖަލުގެ މެޑިކަލް ސެންޓަރަށް ގެންގޮސް އަވަސް ފަރުވާ ދިން ނަމަވެސް، އޭގެ ހަތަރު މިނެޓް ފަހުން މާފުށީ ހޮސްޕިޓަލަށް ގެންދަން ޖެހުނު ކަމަށް ކަރެކްޝަނުން މަޢުލޫމާތު ދީފައިވެއެވެ.

ކަރެކްޝަނަލް ސަރވިސްއިން އިތުރަށް ހާމަކުރި ގޮތުގައި އޮކޮނާޗީ މަރުވި ކަމަށް ހޮސްޕިޓަލުން ކަނޑައަޅާފައިވަނީ މިއަދު ހަވީރު 5:20 ގައެވެ. އަދި އޭނާއަކީ އެއްވެސް ދާއިމީ ބައްޔަކަށް ފަރުވާ ހޯދަމުންދިޔަ މީހެއް ނޫން ކަމަށް ވެސް ކަރެކްޝަނުން ބުނެފައިވެއެވެ.

މަރުވި އޮކޮނާޗީ ހުރީ ރާއްޖެއަށް މަސްތުވާތަކެތި ގެންގުޅުމާއި، ބޭނުންކުރުމާއި އަދި ވިޔަފާރިކުރުމުގެ މައްސަލައެއްގައި ޝަރީޢަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް