ރޯދައިނާޔަތް ނޫން އެހެން ހަދިޔާ ސަރުކާރު މުވައްޒަފުންނަށް ނުދިނުމަށް އަންގައިފި

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ރޯދަ މަހުގެ އިނާޔަތް ފިޔަވައި އިތުރު ހަދިޔާ ރޯދައާ ގުޅުވައިގެން ސަރުކާރު އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ނުދިނުމަށް އަންގައިފިއެވެ.

ޕީސީބީން މިއަދު ނެރުނު ސާކިއުލާގައި ވަނީ، ސަރުކާރު މުވައްޒަފުންނަށް މި މަހުގެ 20ގެ ކުރިން 3،000 ރުފިޔާ ރޯދަ މަހުގެ އިނާޔަތުގެ ގޮތުގައި ދިނުމަށް އަންގާފައެވެ. މީގެ ކުރިން ބައެއް ސަރުކާރު ކުންފުނިތަކުން ރޯދަ މަހުގެ އެލަވަންސްގެ އިތުރުން އެހެނިހެން އިނާޔަތްތަކާއި ރޯދަ މަހުގެ ކެއިން ބުއިމުގައި ބޭނުންކުރާ ސާމާނު ދެމުން ގެންދިޔައެވެ.

ޕީސީބީގެ ސާކިއުލާގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، ރޯދަ މަސް ފެށޭއިރު އޮފީހަށް ޚިދުމަތް ނުލިބޭ ގޮތަށް ޕޭ ލީވް (ސްކޮލާޝިޕް މުވައްޒަފުން) އަދި ނޯ ޕޭ ލީވްގައި ތިބޭ މުވައްޒަފުންނަށް ރޯދަ މަހުގެ އިނާޔަތް ހަމަޖައްސައިދީގެން ނުވާނެއެވެ. ނަމަވެސް އެފަދަ ލީވްއެއްގައި ހުންނަ މުވައްޒަފަކު ރޯދަ މަހުގެ ތެރޭގައި އެނބުރި ޚިދުމަތަށް ނުކުމެއްޖެނަމަ، އެ ދުވަހުން ފެށިގެން ރޯދަ މަހުގެ ނިޔަލަށް ޖެހޭ އަދަދަށް އިނާޔަތް ދޭންޖެހޭނެއެވެ.

މީގެއިތުރުން ސާކިއުލާގައި ބަޔާންކޮށްފައިވާ ގޮތުން، ސަރުކާރު އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑުގެ ނޮން-އެގްޒެކެޓިވް ޑިރެކްޓަރުންނަށް ކުންފުނީގެ ފަރާތުން ރޯދަ އެލަވަންސް ދޭން ނުޖެހޭނެއެވެ.

ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ރޯދަ މަސް ފެށޭނީ މާޗް މަހުގެ ފުރަތަމަ ދުވަހުއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް