ސަރުކާރުގެ ރޯދަ ހަދިޔާ މަސްދަޅު ކޭސް ބެހުމަށް އެސްޓީއޯ ތައްޔާރު!

ބަރަކާތްތެރި ރަމަޟާން މަހަށް ސަރުކާރުން ކޮންމެ ގޭބީސީއަކަށް ހަދިޔާކުރައްވާ މަސްދަޅު ކޭސް ބެހުމުގެ އެންމެހައި ތައްޔާރީތައް އެސްޓީއޯއިން މިހާރު ވަނީ ފުރިހަމަކޮށްފައެވެ. މި މަސައްކަތް ކުރިއަށް ގެންދަނީ ސަރުކާރުގެ އެކި މުއައްސަސާތަކާއި، މިފްކޯ އާއި މާލެ ސިޓީ ކައުންސިލް އަދި ރަށްރަށުގެ ކައުންސިލްތަކާ އެކު މަޝްވަރާކުރެވިގެންނެވެ.

މިއަހަރުގެ ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ ގޭބީސީއަކަށް ދެވޭ މަސްދަޅު ކޭހުގައި ހިމެނެނީ 180 ގްރާމުގެ ތެޔޮމަހުގެ (ޗަންކްސް އިން އޮއިލް) 48 ދަޅެވެ. މާލެ ސަރަހައްދުގައި މި ހަދިޔާ ލިބިވަޑައިގަންނަވާނީ ހަމައެކަނި ދިވެހި ރައްޔިތުންނަށް ކަމަށް އެސްޓީއޯއިން ވަނީ ހާމަކޮށްފައެވެ.

މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ބެހުން ފެށުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުން ފެށިގެން 28 ވަނަ ދުވަހުގެ ނިޔަލަށެވެ. ބެހުމުގެ މަސައްކަތް ކުރިއަށްދާނީ ދެ ދަންފަޅިއަކަށް، މެންދުރުފަހު 2:30 އިން ހަވީރު 6:00 އަށް އަދި ރޭގަނޑު 8:30 އިން 11:00 އަށެވެ.

މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ބެހުމަށް ޖުމްލަ 5 މަރުކަޒެއް ޤާއިމުކުރެވޭނެއެވެ. މީގެ ތެރޭގައި:

  • މާލޭގައި މާލެ ސިޓީ ކައުންސިލްގެ އާންމު ޚިދުމަތްތަކާބެހޭ ބައި
  • މިފްކޯ އޮފީސް ކޮމްޕައުންޑް
  • ވިލިމާލޭގައި ވިލިމާލެ ކައުންސިލް އޮފީސް
  • ހުޅުމާލެ ފޭސް-1 ގައި އުމަރު ޒާހިރު ބިލްޑިންގ
  • އަދި ހުޅުމާލެ ފޭސް-2 ގައި ހިޔާ ފްލެޓް ޓަވަރ 10 ގެ ޔޫތު ސެންޓަރު ހިމެނެއެވެ.

އަތޮޅުތަކަށް ފޮނުވާ މަސްދަޅު ކޭސްތައް އެސްޓީއޯއިން ވަނީ ފެބްރުއަރީ 5 ވަނަ ދުވަހުން ފެށިގެން ދޯނިފަހަރަށް އަރުވަން ފަށާފައެވެ. ރަށްރަށުގައި ބެހުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެ ރަށެއްގެ ކައުންސިލުންނެވެ.

މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ދޫކުރެވޭނީ ގޭގޭގެ ކަރަންޓް މީޓަރު ނަންބަރު ޗެކްކުރުމަށްފަހު، ބަލައި އަންނަ ފަރާތުގެ އައިޑީ ކާޑާއި ގުޅޭނެ ފޯނު ނަންބަރު ރެކޯޑު ކުރުމަށްފަހުގައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް