މި ރަމަޟާންމަހު، ޢުމްރާއަށްދާ މީހުންގެ ޑެބިޓްކާޑަށް 1500 ޑޮލަރު ޖަމާކުރުމަށް، ރައީސް އަންގަވައިފި

މިއަހަރުގެ ރަމަޟާން މަހު އުމުރާއަށް ދާ ފަރާތްތަކަށް ލުޔެއް ދިނުމުގެ ގޮތުން، ބޭންކް އޮފް މޯލްޑިވްސްގެ ޑެބިޓް ކާޑުގެ ޑޮލަރު ލިމިޓަށް 1500 ޑޮލަރު އިތުރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.

ރައީސް މުޢިއްޒު މިކަން އިއުލާންކުރެއްވީ އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓް މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައެވެ. މިއީ 1446 ވަނަ އަހަރުގެ ރަމަޟާން މަހު އުމުރާއަށް ވަޑައިގަންނަވާ ފަރާތްތަކަށް ބޭންކުގެ ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމުގައި ލުއިފަސޭހަ ހައްލެއް ހޯދައިދިނުމުގެ ގޮތުން އަޅުއްވާ ފިޔަވަޅެކެވެ.

މި މަހުގެ 6 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިއްވެވި ރިޔާސީ ބަޔާނުގައި، "ދިވެހި ރުފިޔާގެ އަގު ހިފަހައްޓައި، ބޭރު ފައިސާގެ ބާޒާރަށް ދިމާވެފައިވާ މައްސަލަތަކަށް ދާއިމީ ހައްލެއް ގެނައުމަކީ ދިވެހި ދައުލަތާއި ދިވެހި ކޮންމެ ރައްޔިތެއްގެ ޙައްޤުގައި ކޮންމެހެން ކުރަންޖެހޭ ކަމެއް،" ކަމުގައި ފާހަގަކުރެއްވިއެވެ.

ބޭރު ފައިސާގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަޅުއްވަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި ބޭރު ފައިސާއާބެހޭ ޤާނޫނެއް އެކުލަވާލައި ތަންފީޒުކުރަން ފެށުން ހިމެނެއެވެ. މި ފިޔަވަޅުތަކުގެ ސަބަބުން 2024 ވަނަ އަހަރު ނިމުނުއިރު ދައުލަތުގެ ރަސްމީ ރިޒަރވް އިތުރުވެފައިވާކަން ރައީސް ފާހަގަކުރައްވާފައިވެއެވެ.

އަދި 2025 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުން ފެށިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ޕެރަލަލް މާކެޓަށް ނުގޮސް ރަސްމީ ރޭޓުގައި ޑޮލަރު ލިބޭނެ އިންތިޒާމެއް ގާއިމުކުރެވިގެންދާނެ ކަމަށްވެސް ރައީސް ވަނީ އިއުލާންކުރައްވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް