ރެހެންދި ޓާފު ދަނޑުގައި ހިންގި މާރާމާރީ؛ އެކަކު ޝަރީއަތް ނިމެންދެން ބަންދަށް!

ހުޅުމާލޭގައި ހުންނަ ރެހެންދި ޓާފު ދަނޑުގެ ހުޅަނގު ފަޅީގައި މަޑުކޮށްގެން ހުރި މީހަކަށް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ދިން ހަމަލާއާ ގުޅިގެން ހައްޔަރުކުރެވުނު ދެ މީހުންގެ ތެރެއިން އެކަކު ތަހުގީގު ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކުރެވުނު ދެ މީހުންނަކީ ގދ. ފިޔޯރީ، ހީނާމާގެ، ރުސްތުމް އިބްރާހީމް (25 އަހަރު) އާއި ބ. ގޮއިދޫ، ފިނިފެންމާގެ، ސައިފުﷲ ފައިސަލް (19 އަހަރު) އެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މާރާމާރީ ހިންގުމަށްފަހު މާލެ-ހުޅުމާލެ ހައިވޭ މަތިން ފިލައިގެން ދަނިކޮށެވެ.

ފުލުހުން ބުނާ ގޮތުގައި މި ދެ މީހުން ހުއްޓުވި ސަރަހައްދުން މާރާމާރީ ހިންގަން ބޭނުންކުރި ކަމަށް ތުހުމަތުކުރެވޭ ހަތިޔާރަކާއި ވަޅިއެއް ވަނީ ފެނިފައެވެ. މި މައްސަލައިގައި ހައްޔަރުކުރެވުނު ދެ މީހުންގެ ތެރެއިން ރުސްތުމް އިބްރާހީމް ތިން ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން އަމުރުކުރި އިރު، ސައިފުﷲ ފައިސަލް ތަހުގީގު ނިމި ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.

މި މާރާމާރީއާ ގުޅިގެން ހައްޔަރުކުރެވުނު ދެ މީހުން ހައިވޭ މަތިން ހިފަހައްޓައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް މިވަގުތު ވަނީ ސޯޝަލް މީޑިއާގައި ފެތުރިފައެވެ.

މިދިޔަ ހަފުތާގެ ތެރޭގައި މާލޭގައި އިތުރު މާރާމާރީތަކެއް ހިނގާފައިވާއިރު، އޭގެ ތެރޭގައި ކެފޭއެއްގައި ދެ ބިދޭސީން ހިންގި މާރާމާރީއެއްގައި އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބުނު މައްސަލައަކާއި، ކަނބާ އައިސާ ރަނި ހިނގުމުގައި ހުރި މީހަކަށް ސައިކަލެއްގައި ދިޔަ ދެ މީހަކު މަރުތޭލަކުން ހަމަލާދިން މައްސަލަ ހިމެނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް