އީސީގެ ރައީސަކަށް ޒާހިދާއި ނައިބު ރައީސަކަށް ޢަބްދުއްރަޙްމާން ޞަލާޙަށް ރުހުން ހޯދަން ކޮމިޓީއަށް

އިލެކްޝަންސް ކޮމިޝަނުގެ ރައީސަކަށް މުޙައްމަދު ޒާހިދު އަދި ނައިބު ރައީސަކަށް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު އައްޔަން ކުރެއްވުމަށް ރުހުން ހޯދުމުގެ މައްސަލަ ދިރާސާކުރުމަށް ކޮމިޓީއަށް ފިނުއްވައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސާއި ނައިބު ރައީސް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ. މިއީ އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނަށް މިދިޔަ އަހަރު ގެނެވުނު އިޞްލާޙުގެ ދަށުން، އެ ދެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ފުރަތަމަ ފަހަރެވެ.

އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނަށް ގެނެވުނު އިޞްލާޙާ އެކު، ކޮމިޝަނުގެ ރައީސާއި ނައިބު ރައީސް އައްޔަންކުރުމުގެ އުސޫލަށް ވަނީ ބަދަލު އައިސްފައެވެ. މީގެ ކުރިން މި ދެ މަޤާމަށް މީހުން ހޮވަމުން އައީ ކޮމިޝަނުގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުން ނަމަވެސް، މިހާރު އެ ދެ މަޤާމަށް މީހުން އައްޔަންކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ، މަޖިލީހުގެ ރުހުމާ އެކުގައެވެ.

ފާހަގަކޮށްލެވޭ ކަމަކީ، މުޙައްމަދު ޒާހިދު އާއި ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު ވަނީ މިދިޔަ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް އައްޔަންކުރެވިފައެވެ. މިވަގުތު ކޮމިޝަނުގައި ތިއްބެވީ ޖުމްލަ ފަސް މެންބަރުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް