ރައްޔިތުން އެމްޑީޕީއަށް ބޮޑުތަނުން ނޫނެކޭ ބުނެ، ރައީސް މުއިއްޒުގެ ވެރިކަން ބަލައިގަނެފިކަމީ މިއަދުގެ ޙަޤީޤަތް: ޝަކީލް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަން ރައްޔިތުން ބަލައިގަނެ، އެމްޑީޕީއަށް ބޮޑުތަނުން ނޫނެކޭ ބުނަމުންދާކަން އިއްޔެ ބޭއްވުނު ބައި-އިލެކްޝަންގެ ނަތީޖާއިން ހާމަވެއްޖެކަމަށް ޙައްޖު ކޯޕަރޭޝަންގެ އެމްޑީ ޑރ. މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވުނު 12 ދާއިރާގެ ބައި-އިލެކްޝަންތަކުގައި ޕީއެންސީން 8 ގޮނޑި ކާމިޔާބުކޮށް، އެމްޑީޕީން 2 ގޮނޑި ކާމިޔާބުކޮށް، އަމިއްލަ ކެންޑިޑޭޓުން 2 ގޮނޑި ކާމިޔާބުކޮށްފައިވެއެވެ. މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ 11،325 މީހުންގެ ތެރެއިން 6،275 މީހުން ވޯޓުލާފައިވާކަން އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވެއެވެ.

ޑރ. ޝަކީލް ވިދާޅުވީ މިއީ މެންބަރޝިޕް ފޯމަކުން ނުކުތް ނަތީޖާއެއް ނޫންކަމަށާއި، މިއީ ރައްޔިތުންގެ އިތުބާރާއި ލޯބި ހޯދައިގެން ނެރެވުނު ނަތީޖާއެއްކަމަށެވެ. އަދި މި ނަތީޖާއަށްޓަކައި ދިވެހި ރައްޔިތުންނަށާއި ޕީއެންސީގެ ފައުޖަށް ޝުކުރު އަދާކުރައްވާފައިވެއެވެ.

12 ދާއިރާގެ ބައި-އިލެކްޝަންތަކުގެ ތެރެއިން އެމްޑީޕީން ކާމިޔާބުކުރީ ނ. މިލަދޫ އަދި އދ. ހަންޏާމީދޫގެ ގޮނޑިއެވެ. އަދި އަމިއްލަ ކެންޑިޑޭޓުން ކާމިޔާބުކުރީ ދ. ހުޅުދެލި އަންހެނުންގެ ކޮމިޓީގެ ގޮނޑިއާއި ހދ. މަކުނުދޫ ކައުންސިލްގެ ގޮނޑިއެވެ.

މިއަހަރުގެ ފުރަތަމަ ބައި-އިލެކްޝަނަށް 5 ރަށެއްގެ ކައުންސިލް އަދި 28 ރަށެއްގެ އަންހެނުންގެ ކޮމިޓީގެ ގޮނޑިތަކަށް ހުޅުވާލެވުނެވެ. ނަމަވެސް 21 ރަށެއްގައި އެންމެ ކެންޑިޑޭޓަކު ވާދަކުރުމުން އެ ރަށްތަކުގެ ބައި-އިލެކްޝަން ނުބޭއްވުނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް