މަސްވެރިންނަށް ގަވާއިދުން ފައިސާ ދޭން ފެށުމާއެކު ޒުވާނުން އަނބުރާ މަސްވެރިކަމަށް!

މަސްވެރިންނަށް ގަވާއިދުން ފައިސާ ދޭން ފެށުމާ ގުޅިގެން، ކުރިން މަސްދޯނިތަކުން ފޭބި ޒުވާނުން އަލުން މަސްވެރިކަމުގެ ސިނާއަތަށް ނުކުންނަން ފަށައިފިކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ވަޒީރު ޝިޔާމް ވިދާޅުވި ގޮތުގައި، ކުރީގެ ސަރުކާރުން މަހުގެ އަގަށް ގެނައި ބަދަލާ ގުޅިގެން އުފެދުނު ބެކްލޮގް މިހާރު ވަނީ މި ސަރުކާރުން އެއްކޮށް ޚަލާސްކޮށްފައެވެ. އަދި މިހާރު މަސްވެރިކަމުގެ ސިނާއަތަށް ގެންނަމުންދާ ބަދަލުތަކަކީ ވޭތުވެދިޔަ 40 އަހަރު ވަންދެން ނުގެނެވި ހުރި ބަދަލުތަކެއް ކަމަށާއި، މިއީ 50-60 އަހަރަށް ދެމިގެންދާނެ ބަދަލުތަކެއްކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ.

"ޤާނޫނުގައި އޮތް މަސްވެރިކަމުގެ ތަމްރީނުތަކުގެ ބައި އަމަލީ ސިފައަށް ގެނެސްދެއްވީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ," ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

މީގެއިތުރުން، ކޯލްޑް ސްޓޯރޭޖްތަކާއި އައިސްޕްލާންޓުތަކުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް އެތަންތަނުގެ ކެޕޭސިޓީ އިތުރުކުރަމުންދާ ކަމަށާއި، އެތަންތަނުގައި މަސައްކަތްކުރާނެ ފަންނީ މީހުން ބިނާކުރުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާ ގުޅިގެން މަސައްކަތްތަކެއް ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ޝިޔާމް ނިންމާލަމުން ވިދާޅުވީ، މި ހުރިހާ މަސައްކަތްތަކަކީވެސް މަސްވެރިކަން އަލުން ދިވެހިންގެ ލޭނާރު ކަމުގައި ހެދުމަށް ކުރެވޭ މަސައްކަތްތަކެއް ކަމުގައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް