ހަމާސް-އިޒްރޭލު އެއްބަސްވުން؛ 5ވަނަ ބުރުގެ، 183 ފަލަސްތީނު މީހުން މިނިވަން ކޮށްފި

އިސްރާއީލާއި ހަމާސްއާ ދެމެދު ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން، ފަސްވަނަ ބުރުގައި މިނިވަންކުރުމަށް ހަމަޖެހިފައިވާ 183 ފަލަސްތީނު ރައްޔިތުން މިނިވަންކުރަން މިއަދު ފަށައިފިއެވެ.

މިއަދު މިނިވަންކުރާ މީހުންގެ ތެރޭގައި އޮކްޓޯބަރު 7، 2023 ގެ ފަހުން ހައްޔަރުކުރި 111 ގައިދީންނާއި، އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާ ހަތް މީހުން ހިމެނެއެވެ. މީގެ އިތުރުން ޣައްޒާއަށް އުފަން 20 މީހުންނާއި، ހުޅަނގު އައްސޭރީން 42 ގައިދީންނާއި، ގުދުސްއިން ތިން ގައިދީން މިނިވަންކުރުމަށް ވަނީ ހަމަޖެހިފައެވެ.

ނަމަވެސް، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރަން ފެށުމަށްފަހުވެސް، އިސްރާއީލުން ވަނީ އެ އެއްބަސްވުމާ ޚިލާފުވެ ޣައްޒާގެ ސަރަހައްދުތަކަށް ހަމަލާތަކެއް ދީފައެވެ. އަދި "އެއްބަސްވުމުގައި ހިމެނޭ ލުބްނާނަށް ދޭ ހަމަލާތައް ހުއްޓާލައި، އެ ގައުމުން އިސްރާއީލު ސިފައިން ފޭބުމަށް އޮތް ބަޔަށް އަމަލު ނުކުރާނެ،" ކަމަށް އިސްރާއީލުން ވަނީ ހާމަކޮށްފައެވެ.

ޣައްޒާއަށް ދެމުން އައި ހަމަލާތައް ހުއްޓާލި ނަމަވެސް، އިސްރާއީލުން ދަނީ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ސަރަހައްދުތަކަށް ހަމަލާތައް ދެމުންނެވެ. އަދި މި ހަމަލާތަކުގައި ގިނަ ބަޔަކު ހައްޔަރުކުރުމުގެ އިތުރުން ގިނަ ބަޔަކު ޝަހީދުވެފައިވެއެވެ. އެގޮތުން މިއަދު އެކަނިވެސް، ތައްމޫންގައި 10 މީހަކު ޝަހީދުވެފައިވާކަން ފާހަގަކުރެވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް