ގޯލްޑަން ފުޓްސަލް ޗެލެންޖް 2025: ދުވާފަރާއި އިނގުރައިދޫ ގަދަ 16 އަށް!

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ޒޯން ދޭކުން ޖާގަ ހޯދައި ރ. އިނގުރައިދުއާއި ދުވާފަރުން ގަދަ 16 ކަށަވަރުކޮށްފިއެވެ. މި ދެ ޓީމުން މިހާތަނަށް ކުޅުނު ތިން މެޗުންވެސް މޮޅުވެ، ނުވަ ޕޮއިންޓް ހޯދައި، އަދި އެއް މެޗު ބާކީ އޮއްވައި، މިވަނީ ގަދަ 16 އަށް ދަތުރު ކޮށްފައެވެ.

ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު ރޭގެ މެޗުގައި އިނގުރައިދޫން ނ. މިލަންދޫ ކައިރިން 4-3 އިން މޮޅުވިއެވެ. އިނގުރައިދޫގެ ފަރާތުން އަހުމަދު އައިހަމް ދެ ގޯލާއި، އަލީ ހާފިޒް އަދި މުހައްމަދު މަމްދޫހު އެއް ގޯލު ޖެހިއެވެ.

މިލަންދޫގެ ފަރާތުން ހުސައިން ޝާފީ ދެ ގޯލާއި އަހުމަދު އިނާފް އަބްދުﷲ އެއް ގޯލު ޖެހިއެވެ. ހަމަ އެރޭ ކުޅުނު އަނެއް މެޗުގައި ދުވާފަރުން ނ. މިލަދޫ ކައިރިން 2-0 އިން މޮޅުވިއެވެ. ދުވާފަރުގެ ފަރާތުން މުހައްމަދު އިސާމް އާއި އިބްރާހީމް އަނާން ގޯލު ޖެހިއެވެ.

މި ޒޯނުގައި ވާދަކުރަނީ ށ. އަތޮޅުގެ ޗެމްޕިއަން މިލަންދޫއާއި ރަނަރަޕް ކަނޑިތީމުގެ އިތުރުން ރ. އަތޮޅުގެ ޗެމްޕިއަން އިނގުރައިދޫއާއި ރަނަރަޕް ދުވާފަރު އަދި ނ. އަތޮޅުގެ ޗެމްޕިއަން މިލަންދޫއެވެ.

މި ޒޯނުގައި އަދިވެސް ކަނޑިތީމާއި މިލަދޫ ވާދަކުރާ މެޗާއި އިނގުރައިދުއާއި ދުވާފަރު ވާދަކުރާ މެޗު ބާކީ އެބައޮތެވެ.

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި ޝަރަފުވެރި ފުޓްސަލް މުބާރާތް ކަމަށްވާ ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނައިރު، ޒޯން ބުރުގެ މެޗުތައް މިއަދު ހަވީރާއި މިރޭވެސް ކުރިއަށްދާނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް