އެންސީއައިޓީ އުވާލައި މޯލްޑިވްސް ޑިޖިޓަލް ސާވިސަސް އުފައްދަނީ

ނޭޝަނަލް ސެންޓަރ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ)ގެ ނަން މޯލްޑިވްސް ޑިޖިޓަލް ސާވިސަސްއަށް ބަދަލުކޮށް، އެ އިދާރާއަށް ގާނޫނީ ބާރުވެރިކަން ދިނުމަށް ސަރުކާރުން މަސައްކަތް ފަށައިފިއެވެ.

ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވި ގޮތުގައި މި އައު އިދާރާއަކީ ޑިޖިޓަލައިޒޭޝަންގެ މަސައްކަތްތައް ބަލަހައްޓާ މައި އޮތޯރިޓީގެ ގޮތުގައި ހަމަޖައްސައި، ދައުލަތުގެ ހުރިހާ އިދާރާތަކެއް ޑިޖިޓަލް ސާވިސްގެ ތެރެއަށް ގެނައުމަށް މެންޑޭޓް ކުރެވޭނެ އިދާރާއެކެވެ.

މި އިދާރާގެ ދަށުން ހުރިހާ އިދާރާތަކެއް ގުޅިފައިވާ ޑޭޓާ އެކްސްޗޭންޖު ލޭޔަރއެއް ގާއިމުކުރެވި، ސައިބަރ ސެކިއުރިޓީ ކަށަވަރުކުރެވޭނެއެވެ. އަދި 2027 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ މުޅި އެންވަޔަރަމަންޓް ޑިޖިޓަލައިޒްކޮށް، ސާވިސް ޗާޓަރެއްގެ ދަށުން ހިދުމަތްތައް ފޯރުކޮށްދިނުމަށް ވަނީ ރޭވިފައެވެ.

މިނިސްޓަރު އިހުސާން އިތުރަށް ވިދާޅުވި ގޮތުގައި ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދިނުމުގައި ޕްރައިވެޓް ސެކްޓަރގެ ބައިވެރިވުން ހޯދައި، ވަކި މިންގަނޑުތަކެއްގެ ދަށުން އެފަރާތްތަކުން ހިދުމަތް ފޯރުކޮށްދެވޭނެ މަގު ތަނަވަސްކޮށްދެވޭނެއެވެ.

މީގެއިތުރުން، ޒުވާނުންނަށް ޑިޖިޓަލް އިކޮނޮމީގެ ފައިދާ ލިބޭނެހެން މަގުފަހިކޮށްދީ، އެފަރާތްތަކުގެ ޕްރޮޑަކްޓްތައް ބޭރު ގައުމުތަކަށް ވިއްކޭނެ ނިޒާމެއް ޑިޖިޓަލް ޕޭމަންޓް ސިސްޓަމްގެ ތެރެއިން ގާއިމުކުރުމަށްވެސް ވަނީ ރޭވިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް