ކައުންސިލްތަކާއި އަންހެނުންގެ ކޮމިޓީތަކުގެ ބައި-އިލެކްޝަންގެ ވޯޓުލުން ފަށައިފި

މިއަހަރަށް ތާވަލުކޮށްފައިވާ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ފުރަތަމަ ބައި-އިލެކްޝަންގެ ވޯޓުލުން މިއަދު ހެނދުނު 8:00 ގައި ފަށައިފިއެވެ. އިލެކްޝަންސް ކޮމިޝަނުން ބުނިގޮތުގައި ގިނަ މަރުކަޒުތަކުގައި ވޯޓުލުން ވަނީ ގަޑިއަށް ފެށިފައެވެ.

މިއަދުގެ ބައި-އިލެކްޝަންގައި ޖުމްލަ 12 ދާއިރާއަކަށް ވޯޓުލުން ކުރިއަށްދާއިރު، މީގެ ތެރޭގައި ހިމެނެނީ 2 ރަށެއްގެ ކައުންސިލް ބައި-އިލެކްޝަނާއި 10 ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަނެވެ. ކައުންސިލްތަކުގެ ތެރެއިން ވޯޓުލުން ކުރިއަށްދަނީ ހދ. މަކުނުދޫ ކައުންސިލް މެންބަރުކަމަށާއި ނ. ލަންދޫ ކައުންސިލްގެ އަންހެނުންނަށް ޚާއްޞަކޮށްފައިވާ ގޮނޑިއަށެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ތެރެއިން ވޯޓުލުން ކުރިއަށް ދަނީ

  • ހދ. ހިރިމަރަދޫ،
  • ނ. މިލަދޫ،
  • ނ. ފޮއްދޫ،
  • ރ. އިންނަމާދޫ،
  • ބ. ގޮއިދޫ،
  • އދ. ހަންޏާމީދޫ،
  • ދ. ހުޅުދެލި،
  • ލ. ގަން،
  • ތ. ބުރުނި
  • ގއ. ކަނޑުހުޅުދޫގައެވެ

ޤާނޫނަށް ގެނެވުނު އިޞްލާޙާ ގުޅިގެން މިހާރު ކައުންސިލްތަކާއި އަންހެނުންގެ ކޮމިޓީތަކުގެ ބައި-އިލެކްޝަންތައް ބާއްވަނީ އަހަރަކު ދެ ފަހަރުއެވެ. މިއަހަރުގެ ފުރަތަމަ ބައި-އިލެކްޝަނަށް ޖުމްލަ 5 ރަށެއްގެ ލޯކަލް ކައުންސިލާއި 28 ރަށެއްގެ އަންހެނުންގެ ކޮމިޓީތަކުގެ ބައި-އިލެކްޝަންތަކަށް ހުޅުވާލި ނަމަވެސް، 21 ރަށެއްގައި އެންމެ ކެންޑިޑޭޓަކު ވާދަކުރުމާ ގުޅިގެން އެ ރަށްތަކުގެ ބައި-އިލެކްޝަންތައް ނުބޭއްވުމަށް ވަނީ ނިންމާފައެވެ.

މާލޭގައި ދިރިއުޅޭ ރަށްރަށުގެ ރައްޔިތުންނަށް ވޯޓުލުމުގެ އިންތިޒާމު ހަމަޖައްސާފައިވަނީ މާފަންނު މަދަރުސާގައެވެ. އެގޮތުން އެ ސަރަހައްދުގައި 4 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ. ވޯޓުލުން ކުރިއަށްދާނީ މިއަދު ހަވީރު 4:00 އާ ހަމައަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް