ރިޔާސީ ބަޔާން 2024؛ ފަގީރުކަން ނެތް ދުވަހެއް ވަރަށް އަވަހަށް ދިވެހިން ދެކޭނެ؛ ރައީސް

ޒަކާތުގެ ނިޒާމު ޒަމާނީކުރެވި އުސޫލުތައް ހިނގާންފެށުމުން ޤައުމުގެ މާލީ، އިޖުތިމާޢީ ޢަދާލަތަށް، އަދި މުޖުތަމަޢުގެ އާންމު ފޯރުންތެރިކަމުގެ ނިސްބަތަށް ވަރަށް ބޮޑު ހެޔޮ ބަދަލެއް އައިސް، މާތް ﷲގެ އިރާދަފުޅާއެކު އިންތިހާއީ ފަގީރުކަން ނެތް ދުވަހެއް ވަރަށް އަވަހަށް ދިވެހީން ދެކޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވެފައިވަނީ 2025 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް މިއަދު ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

ޒަކާތުގެ ނިޒާމު ހަރުދަނާކޮށް ފުޅާކުރެއްވުމަށްޓަކައި އުފައްދާފައިވާ ޒަކާތު ހައުސްގެ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ފަޤީރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އާމްދަނީ ހޯދޭނެ ވަސީލަތްތައް ޤާއިމުކޮށްދެއްވުމުގެ މަސައްކަތް ފަށްޓަވާފައިވާ ކަމަށެވެ.

މީގެއިތުރުން، ޒަކާތުގެ ނިޒާމު ޒަމާނީކުރުމަށްޓަކައި ހަދަންޖެހޭ އުޞޫލުތަކާއި ޤަވާޢިދުތައް އެކުލަވާލައި ފާސްކުރެއްވުމާއި، ޒަކާތުގެ މަސައްކަތްތައް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކުރިޔަށް ގެންދިޔުމަށްޓަކައި "އިންޒެކް" އިންޓަރނޭޝަނަލް ޒަކާތު ކޮންފަރެންސް ބޭއްވިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރިޔާސީ ބަޔާނުގައި ރައީސް މުޢިއްޒު ވިދާޅުވީ މިއަހަރަކީ އަމަލީ މަސައްކަތުގެ އަހަރު ކަމަށާއި، ކުރިޔަށް އޮތީ ނަތީޖާ ނެރެދެއްވުމުގެ ޤައުމީ މޫސުމެއް ކަމުގައެވެ. އަދި ދިވެހި އުންމަތުގެ ހާލާއި މުސްތަޤުބަލު ކަނޑައެޅުމުގައި އެންމެ މުހިންމު އަސާސްތަކަކީ، މާތްވެގެންވާ އިސްލާމްދީނާއި، ދިވެހީންގެ އަމިއްލަވަންތަކަމާއި، ދިވެހީންގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުންކަން ކަށަވަރުކުރުމަކީ އެމަނިކުފާނު މިހާރުވެސް ގެންގުޅުއްވާ މަންހަޖު ކަމުގައި ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް