ބޮޑުގެ ވަގުތީމިސްކިތް ހުރިތަނުގައި، ދީނީކުލާސްތައް ނަގައިދެވޭ ގޮތަށް 3 ބުރީގެ މިސްކިތެއް ބިނާކުރަނީ

މާފަންނު ބިސްބުރުކައިރީ، މުރަނގަ މަގުގައި މިހާރު ހުރި "ބޮޑުގެ" ވަގުތީ މިސްކިތް ހުރި ތަނުގައި ތިން ބުރީގެ ޒަމާނީ ފެންވަރުގެ މިސްކިތެއް އިމާރާތްކުރުމަށް ނިންމާފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

މި މިސްކިތަކީ ހަމައެކަނި ނަމާދުކުރުމަށް ޚާއްޞަކުރެވޭ ތަނެއްގެ ގޮތުގައި ނޫން ކަމަށާއި، ދީނީ ޢިލްމު އުނގަންނައިދިނުމަށް ބޭނުންވާ ވަސީލަތްތައް ޤާއިމްކުރެވިފައިވާ ތަނަކަށް ވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން މިސްކިތުގައި ޤުރްއާނުގެ ޢިލްމު އުނގަންނައިދެވޭނެ ކްލާސްރޫމްތަކާއި ލައިބްރަރީއެއް ހިމެނޭނެއެވެ.

"މި ރަމަޟާން މަހުގެ ފަހުން ވަގުތީ މިސްކިތް ތަޅާލައި އައު މިސްކިތުގެ މަސައްކަތް ފަށާނެ،" ޑރ. ޝަހީމް ވިދާޅުވިއެވެ.

މިސްކިތް އިމާރާތްކުރުމުގެ މަސައްކަތް އިތުރުވަމުން

މިދިޔަ އަހަރު މުޅިން އަލަށް ތިން މިސްކިތެއް ހުޅުވުނު އިރު، އޭގެ ތެރެއިން ދެ މިސްކިތަކީ އަމިއްލަ ފަރާތްތަކުން އިމާރާތްކުރި މިސްކިތްތަކެކެވެ. އަދި މިދިޔަ އަހަރު އިތުރު 9 ފަރާތަކަށް މިސްކިތް އިމާރާތްކުރުމުގެ ހުއްދަ ދޫކޮށްފައިވާ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއެވެ. މީގެ ތެރޭގައި މާލެ ސަރަޙައްދުގައި އިމާރާތްކުރާ 5 މިސްކިތާއި އަތޮޅުތަކުގައި އިމާރާތްކުރާ 4 މިސްކިތް ހިމެނެއެވެ.

މިސްކިތްތަކުގެ ހާލަތު ބެލެހެއްޓުން ހަރުދަނާކުރުމަށްޓަކައި، ކޮންމެ ރަށެއްގައި އަދި ސިޓީތަކުގެ ކޮންމެ އަވަށެއްގައި މިސްކިތު ކޮމިޓީއެއް އެކުލަވާލަން ޖެހޭގޮތަށް މިދިޔަ އަހަރު ވަނީ މިސްކިތްތަކާބެހޭ ޤައުމީ މަޖިލީހުން ޤަވާއިދެއް އެކުލަވާލާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް