ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ގެދޮރު ސާފުކުރާއިރު މަގުތަކަށް ކުނި ނޭޅުމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު އިލްތިމާސްކޮށްފިއެވެ.
އީޕީއޭ އިން މިއަދު ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވަނީ ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ގޭތެރެއާއި އާންމު ތަންތަން ސާފުކޮށް ޒީނަތްތެރިކުރުމުގެ ތެރޭގައި އުފެދޭ ގިނަ އަދަދެއްގެ ކުނި ރަށްރަށާއި ސިޓީތަކުގެ މަގުމައްޗަށާއި ދުވާރުމައްޗަށް ނެރެ ބަހައްޓަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
"މި ފަހަކަށް އައިސް އާންމުކޮށް ގޭބިސީތަކުންނާއި ފިހާރަތަކުން އުފެދޭ ކުނިވެސް ގިނަ އަދަދަކަށް މަގުމައްޗަށް ނެރަފައި ހުންނަކަން ފާހަގަވެފައިވޭ. މިއީ މަގުތައް ނުސާފުވެ، މަގުތައް ބޭނުންކުރާ ފަރާތްތަކަށް ނުހަނު ބޮޑެތި ދަތިތައް ދިމާވެ، އަދި ސިއްހީ ގޮތުން ބޮޑެތި މައްސަލަތަކެއް ކުރިމަތިވެދާނެ ކަމެއް،" އީޕީއޭގެ ބަޔާނުގައި ބުނެފައިވެއެވެ.
އީޕީއޭ އިން ވަނީ ރޯދަމަހަށް ގެއާއި ގޯތިތެރެ ސާފުކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމުގައި ކުނި އުކާލެވޭނެ އިންތިޒާމު ކުރީބައިގައި ހަމަޖެއްސުމަށް އިލްތިމާސްކޮށްފައެވެ. މިގޮތުން ރަށްރަށުގައި ނަމަ އެ ރަށެއްގައި ކުނި މެނޭޖުކުރުމުގެ ޚިދުމަތްދޭ ފަރާތްތަކާއި، ސިޓީތަކުގައި ވޭސްޓް މެނޭޖުމަންޓް ކޯޕަރޭޝަނާ ގުޅައިގެން މިކަން ހަމަޖެއްސުމަށް އެ އެޖެންސީން ވަނީ އިރުޝާދު ދީފައެވެ.
ކުނި މެނޭޖުކުރުމުގެ ޤާނޫނުގެ 40 ވަނަ މާއްދާގެ ދަށުން، ތިމާވެށި ތަޣައްޔަރުވާ ނުވަތަ ތަޣައްޔަރުވެދާނެ ގޮތަކަށް އެއްވެސް ފަރާތަކުން ކުނި ގެންގުޅުމާއި، އެއްތަނުން އަނެއްތަނަށް އުފުލުމާއި، އަދި ނައްތާލުމުގެ އެއްވެސް ހަރަކާތެއް ހިންގުމަކީ މަނާކަމެއްކަން އީޕީއޭ އިން ވަނީ ހަނދާންކޮށްދީފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް