ބޮލީވުޑްގެ މަޝްހޫރު ޅެންވެރިޔާ ޖާވިދް އަޚްތަރު ހުށަހަޅާފައިވާ އަބުރު ގެއްލުވައިލުމުގެ މައްސަލައިގައި، އެކްޓަރު އަދި ބީޖޭޕީގެ އެމްޕީ ކަންގަނާ ރަނާއުތު ބަންދުކޮށްގެން ކޯޓަށް ހާޒިރުކުރުމުގެ އަމުރު ނެރުމުގެ ކުރިން މުމްބާއީގެ ބާންދްރާ ކޯޓުން އޭނާއަށް އެންމެ ފަހު ފުރުސަތެއް ދީފިއެވެ.
މައްސަލަ ހައްލުކުރުމަށް އިއްޔެ ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމަށް ކަންގަނާ ހާޒިރުވެފައި ނުވާއިރު، އޭނާގެ ވަކީލު ރިޒްވާން ސިއްދީޤީ ކޯޓަށް އަންގާފައިވަނީ ޕާލިމެންޓްގެ މަސްއޫލިއްޔަތުތަކާ ގުޅިގެން ހާޒިރުވެވެން ނެތް ކަމަށެވެ. އެހެންނަމަވެސް، ޖާވެދް އަޚްތަރު ތަމްސީލުކުރާ ވަކީލު ޖޭ.ކޭ ބަރްދްވާޖް ވަނީ ކަންގަނާ ބަންދުކޮށްގެން ކޯޓަށް ހާޒިރުކުރުމުގެ އަމުރެއް ނެރެދިނުމަށް އެދި ހުށަހެޅުމެއް ހުށަހަޅާފައެވެ.
ޖާވެދްގެ ވަކީލު ހުށަހެޅި ހުށަހެޅުމުގައި ފާހަގަކޮށްފައިވަނީ ކަންގަނާ މިހާތަނަށް ގާތްގަނޑަކަށް 40 ކޯޓު އަމުރާ ހިލާފުވެފައިވާ ކަމަށެވެ. މި ހުށަހެޅުމާ ގުޅިގެން ކޯޓުން ވަނީ ކަންގަނާގެ ވަކީލަށް ޖަވާބުދާރީވުމަށް އަންގާފައެވެ.
މި މައްސަލައަކީ 2020 ވަނަ އަހަރު ކަންގަނާ ޓީވީ އިންޓަވިއުއެއްގައި ދެއްކި ވާހަކަތަކަކާ ގުޅިގެން ޖާވެދް އަޚްތަރު ހުށަހެޅި މައްސަލައެކެވެ. 2024 ގެ ޑިސެމްބަރު މަހު ދެފަރާތުން އެއްބަސްވެފައިވަނީ މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރުމަށެވެ. ނަމަވެސް އިއްޔެ ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމަށް ޖާވެދް ހާޒިރުވި ނަމަވެސް ކަންގަނާ ހާޒިރުނުވުމުގެ ސަބަބުން މައްސަލަ އިތުރަށް ލަސްވެގެން ގޮސްފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް