މިދިޔަމަހު، ވޭޕް ބޭނުންކުރި 12 މީހަކު ޖޫރިމަނާ ކޮށްފައިވޭ!

ވޭޕް ބޭނުންކޮށްގެން މިދިޔަ ޖެނުއަރީ މަހު 12 މީހަކު ޖޫރިމަނާކޮށްފައިވާކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން ބުނީ، ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނާ ޚިލާފުވި 14 މައްސަލައެއްގައި މިދިޔަ ޖެނުއަރީ މަހު 12 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށާއި މި ޖޫރިމަނާތަކުގެ ޖުމްލަ އަދަދަކީ 70،000 ރުފިޔާ ކަމަށެވެ.

މީގެ އިތުރުން، މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 15 އިން 31 ގެ ނިޔަލަށް 20 މައްސަލައެއްގައި 17 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށްވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ވޭޕްގެ އެކި ބާވަތްތައް ރާއްޖެ އެތެރެ ކުރުމާއި، ރާއްޖޭގައި ބޭނުން ކުރުމާއި، ހިލޭ ބެހުމާއި އަދި ވިއްކުން މަނާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު ނިންމެވީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހުއެވެ. މި ނިންމެވުމާ ގުޅިގެން، ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ޤާނޫނަށް އިސްލާޙު ގެނެސް، މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ވަނީ ފަށާފައެވެ.

މި ޤާނޫނުގެ ދަށުން، ރާއްޖެއަށް ވޭޕްގެ ބާވަތްތައް އެތެރެކޮށްފިނަމަ 50،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި އެތެރެ ކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕަކަށް 10،000 ރުފިޔާގެ މަގުން އިތުރު ޖޫރިމަނާއެއް ކުރެވޭނެއެވެ. މީގެ އިތުރުން، ވޭޕް ކުރަން ބޭނުން ކުރާ އާލާތެއް ވިއްކައިފިނަމަ 20،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.

ފުލުހުންގެ ޚިދުމަތުން ވަނީ ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް ގެނައި އިސްލާޙަށް ހުރިހާ ރައްޔިތުންވެސް ފުރިހަމައަށް ޢަމަލު ކުރުމަށާއި، ޤާނޫނު ތަންފީޒުކުރުމުގައި ފުލުހުންގެ ޚިދުމަތަށް އެއްބާރުލުން ދިނުމަށް އިލްތިމާސްކޮށްފައެވެ. ޤާނޫނާ ޚިލާފުވާ ފަރާތްތަކަށް ޖޫރިމަނާ ދެއްކުމަށް މޯބައިލް ފޯނުގެ ޒަރީއާއިން ވާރު ޕޭގެ ޕޭމަންޓް ލިންކެއް ހިމެނޭ މެސެޖެއް ފޮނުވޭނެކަމަށްވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް