ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޢުދުފުޅާ އެއްގޮތަށް، ހުއްޓިފައިވާ ކުޅިވަރު މަޝްރޫޢުތައް ފުރިހަމަކުރުމުގެ ޕްރޮގްރާމުގެ ދަށުން، ކ. ގުރައިދޫ ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް ނިންމައި ރަސްމީކޮށް ހުޅުވާލައިފިއެވެ.
1.5 މިލިއަން ރުފިޔާގެ އަގުހުރި މި މަޝްރޫޢުގެ ދަށުން ތަރައްޤީކޮށްފައިވާ ކޯޓު ރަސްމީކޮށް ހުޅުއްވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ. މި ކޯޓަކީ މިހާރުގެ ސަރުކާރުން ވެރިކަމާ ހަވާލުވިއިރު މަސައްކަތް ހުއްޓިފައި އޮތް ޕްރޮޖެކްޓެކެވެ.
ހޭންޑްބޯލް މޯލްޑިވްސްއިން ގަބޫލުކުރާ މިންގަނޑުތަކާ އެއްގޮތަށް ތަރައްޤީކޮށްފައިވާ މި ކޯޓުގެ މަސައްކަތް ފެށިފައިވަނީ 2023 ވަނަ އަހަރުގެ ތެރޭގައެވެ. އަދި މި މަޝްރޫޢު ފުރިހަމަކުރުމަށް އަހަރެއްހާ ދުވަސް ހޭދަވެފައިވާކަމަށް ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއެވެ.
ކުޅިވަރަށް ލޯބިކުރާ ޒުވާނުން ގިނަ ރަށެއްގެ ގޮތުގައި ފާހަގަކުރެވޭ ކ. ގުރައިދޫގައި، ޚާއްޞަކޮށް އަންހެނުން އެންމެ އިސްކަންދޭ ކުޅިވަރުތަކުގެ ތެރޭގައި ހޭންޑްބޯޅަ ހިމެނެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް