އައްޑޫ ސިޓީގައި ވެސް، ހޮނިހިރު ދުވަހު ޕާސްޕޯޓް ދޫކުރަން ފަށަނީ

އައްޑޫ ސިޓީގައި، ހަފުތާގެ ރަސްމީ ފަސް ދުވަސް ފިޔަވައި (އަންނަ ހަފުތާގެ ހޮނިހިރުން ފެށިގެން،) ހޮނިހިރު ދުވަހުވެސް ޕާސްޕޯޓް ދޫކުރަން ފަށާނެ ކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ވިދާޅުވެއްޖެއެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން، ރައްޔިތުންނަށް ފަސޭހަކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމަށް ނިންމި ނިންމުމެކެވެ.

އައްޑޫ ސިޓީގައި އަޅަމުންދާ އިމިގްރޭޝަން އޮފީހުގެ މަސައްކަތް ކުރިއަށްދާ ގޮތާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން، "އޮފީހުގެ މަސައްކަތުގެ 65 އިންސައްތަ ވަނީ ނިމިފައި. މި އަހަރުގެ ނިޔަލަށް އޮފީހުގެ މަސައްކަތް ނިންމައި ޚިދުމަތް ދޭން ފެށޭނެ" ކަމަށް ޝަމްޢާން ވިދާޅުވިއެވެ.

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުގެ މުހިންމު ސިޔާސަތެއްގެ ގޮތުގައި، އައިޑީ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ފުޅާކުރުމުގެ މަސައްކަތް ވަނީ ފެށިފައެވެ. މި މަސައްކަތުގެ ދަށުން މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓުގެ ޚިދުމަތް ލިބެން ފަށާނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

މި ޚިދުމަތް ފެށުމުން، އައްޑޫ ސިޓީއާއި ކައިރި އަތޮޅުތަކުގެ ރައްޔިތުންނަށް ޕާސްޕޯޓް ހެދުމަށް މާލެ އައުމުގެ ބުރަ އުފުލަން ނުޖެހި، ފަސޭހަކަމާއެކު މި ޚިދުމަތް ލިބިގެންދާނެއެވެ. މިއީ ސަރުކާރުން ލާމަރުކަޒީ އުސޫލުން ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ މުހިންމު ފިޔަވަޅެއް ކަމުގައި ފާހަގަކުރެވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް