މާލޭގެ ކެފޭތަކަކުން ވިސާނެތް 3 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މޯލްޑިވްސް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލޭގައި ހިންގަމުންދާ ކެފޭތަކެއް ބަލާ ފާސްކޮށް، ވިސާ ނެތް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މިއީ އެ އިދާރާއިން ޤަވާއިދުން ހިންގަމުންދާ ރެއިޑް އޮޕަރޭޝަންތަކުގެ ތެރެއިން ހިންގި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނުގައި މާލޭގެ 4 ކެފޭއެއް ބަލާ ފާސްކޮށްފައިވެއެވެ.

މި އޮޕަރޭޝަނުގެ މައިގަނޑު މަޤްޞަދަކީ ކެފޭތަކުގައި މަސައްކަތްކުރާ ބިދޭސީންނަކީ ޤަވާއިދާ އެއްގޮތަށް މަސައްކަތްކުރަމުންދާ ބައެއްތޯ ކަށަވަރުކުރުން ކަމަށް އިމިގްރޭޝަނުން ބުނެއެވެ. މި އޮޕަރޭޝަނުގެ ތެރެއިން ވިސާ ނެތް 3 ބިދޭސީއެއް ފެނި، އެ 3 މީހުންވެސް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދެއެވެ. މީގެ ތެރޭގައި، ބިދޭސީންގެ ބަޔޮމެޓްރިކްސް ނަގައި، ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ފުރިހަމަ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތްވެސް ހިމެނޭ ކަމަށް އިމިގްރޭޝަނުން ފާހަގަކޮށްފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް