އީގަލް ހިލްސްއިން ރަސްމާލޭގައި ހިންގާ "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" މަޝްރޫޢުގެ އެއްބަސްވުން ހާމަކުރުމަށް އިދިކޮޅު ފަރާތްތަކުން ގޮވާލަމުން ދަނިކޮށް، އެ މަޝްރޫޢުގެ މުޅި އެއްބަސްވުން ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅޭ ދާއިމީ ކޮމިޓީއަށް ހުށަހަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގެ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ރިއަލް އެސްޓޭޓް ޓޫރިޒަމްއާ ގުޅޭ ޚާއްޞަ ބިލެއް މަޖިލީހަށް ފޮނުއްވާނެ ކަމަށާއި، އެ ބިލު ގާނޫނަކަށް ވުމުގެ ކުރިން އާންމުންގެ ޚިޔާލަށް ހުޅުވާލެވޭނެ ކަމަށެވެ. އަދި މަޖިލީހުގެ ކޮމިޓީއަށް އެގްރިމަންޓް ފޮނުވުމަކީ ރައްޔިތުންނަށް އެގްރިމަންޓް ފޮނުވުން ފަދަ ކަމެއް ކަމަށާއި، ސަރުކާރުން ކަންކަން ކުރިއަށްދަނީ ދެފުށްފެންނަ ގޮތަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އިދިކޮޅު ފަރާތްތަކުން ދައްކަނީ އޮޅުވާލުމުގެ ވާހަކަތަކެއް ކަމަށް ވިދާޅުވަމުން، ރައީސް ވަނީ ރަސްމާލެ މަޝްރޫޢަކީ ރައްޔިތުން ކަންބޮޑުވާންޖެހޭ އަދި ގެއްލުމެއް ލިބޭނެ މަޝްރޫޢެއް ނޫން ކަމުގެ ޔަގީންކަން ދެއްވާފައެވެ.
އަބޫދާބީގެ އީގަލް ހިލްސްއާ ހަވާލުކޮށްގެން ހިންގާ 20 ބިލިއަން ޑޮލަރުގެ މި މަޝްރޫޢާއެކު އިސްރާއީލުގެ މީހުންނަށް ޕްރޮޕަޓީ ގަނެވިދާނެ ކަމަށް ބުނެ ސިޔާސީ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރި ނަމަވެސް، ސަރުކާރުން ވަނީ އިސްރާއީލާ ގުޅުންހުރި އެއްވެސް ފަރާތަކަށް އެ ތަނުން ޕްރޮޕަޓީ ނުގަނެވޭނެ ގޮތް ހަދާނެ ކަމަށް ކުރިންވެސް ބުނެފައެވެ.





