ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް

 ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ދައުލަތުން ކުރީގެ ރައީސް ޢަބްދުއްﷲ ޔާމީން ޢަބްދުއްޤައްޔޫމްގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ޤަބޫލުކުރުމާއި މަނީ ލޯންޑަރިންގގެ ދައުވާތަކުގެ ހުކުމް ކުރުން ކްރިމިނަލް ކޯޓުގައި ފަސްކޮށްފައިވަނިކޮށް، އެ މައްސަލައިގައި ހިމެނޭ ބައެއް އިޖުރާއީ ނިންމުންތަކެއް އެމަނިކުފާނުގެ ފަރާތްޕުޅުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރައްވައިފިއެވެ.

ހައިކޯޓުގެ ރަޖިސްޓްރީން ދައްކާ ގޮތުގައި އިއްޔެގެ ވަގުތެއްގައި ޔާމީންގެ ފަރާތްޕުޅުން މައްސަލައެއް ހުށަހަޅުއްވާފައިވީ ނަމަވެސް، އެއީ ކޮން އިސްތިއުނާފީ ނުކުތާތަކެއް ކަމެއް އަދި ސާފެއް ނުވެއެވެ. މިއީ ފުއްގިރި މައްސަލައިގެ ހުކުމް ކުރުމުގެ ޖަލްސާ ކްރިމިނަލް ކޯޓުގައި ތާވަލުކުރުމަށްފަހު ފަސްކުރި ދަނޑިވަޅެއްގައި ހުށަހެޅި މައްސަލައެކެވެ. މި ހުށަހެޅުންތައް ބަލައިގަތުމާމެދު ހައިކޯޓުން އަދި ވަކި ގޮތެއް ނިންމަވާފައެއް ނުވެއެވެ.

މީގެއިތުރުން، ވ. އާރަށް ކުއްޔަށް ދޫކުރި މައްސަލައިގެ ޝަރީއަތްވެސް ކްރިމިނަލް ކޯޓުގައި ކުރިއަށްދާއިރު، ދައުލަތުން ހުށަހެޅި ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުﷲ ޒިޔަތުގެ ހެކިބަހާއެކު ދިފާއީ ހެކިތައް ބަލައިގަތުމަށް ކޯޓުން ވަނީ ނިންމާފައެވެ. ރައީސް ޔާމީންގެ ފަރާތްޕުޅުން ޝަރީއަތުގެ ކުރިން ހުށަހެޅި ހުށަހެޅުމުގައި، އާ ހެއްކާބެހޭ ޤާނޫނުގެ ދަށުން އަދީބާއި ޒިޔަތުގެ ތެދުވެރިކަމާމެދު ސުވާލު އުފެދޭތީ އެބޭފުޅުންގެ ހެކިބަސް ބަލައިނުގަތުމަށް އެދިވަޑައިގެންނެވި ނަމަވެސް، ކޯޓުން ވަނީ އެ ހުށަހެޅުން ބަލައިނުގަތުމަށް ނިންމާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް