ރަސްމާލެ ތަރައްގީކޮށް ނިމުމާއެކު އެތަނުގައި ތިބޭނީ ދިވެހީންނާއި އެހެން ގައުމުތަކުގެ މުސްލިމުންކަން ވަރަށް ޔަގީންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
"ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ރަސްމާލެއަކީ މުސްލިމުންނަށް ފަހި މާހައުލެއްގެ ގޮތުގައި ތަރައްގީކުރާނެ ތަނެއް ކަމަށާއި، އެތަނުގައި ރަލާއި އޫރުމަސް ނުވިއްކޭނެ ކަމަށެވެ. އަދި ފަސްވަގުތު ބަންގި ގޮވާނެ ކަމަށާއި، ބޭރުގެ އެއްވެސް ފަރާތެއްގެ ކޮންޓްރޯލް ހިނގާ ގޮތަށް ތައުލީމީ މުއައްސަސާއެއްވެސް ނުހުންނާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް މިފަދައިން ވިދާޅުވެފައިވަނީ، ރަސްމާލޭން ހިއްކާފައިވާ 500 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއް 99 އަހަރަށް އީގަލް ހިލްސްއަށް ކުއްޔާ ނުލައި ދޫކުރާތީއާއި، އެތަނުގައި ޔަހޫދީން ވަޒަންވެރިވެދާނެ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ. މި މަޝްރޫއާ ދެކޮޅަށް ގާނޫނީ ވަކީލު އަލީ ހުސައިން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅުއްވާފައިވާއިރު، އިދިކޮޅު އެމްޑީޕީން މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަތައް މަޖިލީހުން ވަނީ ބޭރުކޮށްލާފައެވެ.





