މިއަހަރުގެ މިހާތަނަށް މިފްކޯއިން މަސްވެރިންނަށް 342 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި

މިއަހަރުގެ މިހާތަނަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އަށް ކިރި މަހަށް މަސްވެރިންނަށް 342 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަމަށް އެ ކުންފުނީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިފްކޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް އެ ކުންފުންޏަށް މުޅި ޖުމްލަ 18,366 ޓަނުގެ މަސް ކިރުވާފައިވާއިރު، މަސްވެރިންނަށް ޖުމްލަ 342,751,748 ރުފިޔާ ވަނީ ދޫކޮށްފައެވެ. އެ ކުންފުންޏަށް އެންމެ ގިނައިން ކިރުވާފައިވަނީ ކަނޑުމަހެވެ. އެގޮތުން 17,540 ޓަނުގެ ކަނޑުމަސް ކިރައި، އެ މަހަށް 326,293,946 ރުފިޔާ ދޫކޮށްފައިވެއެވެ. މީގެއިތުރުން 826 ޓަނުގެ ރީނދޫ އުރަހަ ކަންނެލި ކިރައި، 16,457,803 ރުފިޔާ ވަނީ ފައިސާގެ ގޮތުގައި ފޯރުކޮށްދީފައެވެ.

މީގެކުރިން މަސްވެރިން ކިރުވާ މަހަށް ފައިސާ ދިނުމުގައި ބޮޑެތި ލަސްތަކެއް ދިމާވި ނަމަވެސް، ސަރުކާރުން ގެނެސްދިން ހަރުދަނާ ބަދަލުތަކާއެކު މިހާރު މަސް ކިރުވާތާ 48 ގަޑިއިރުގެ ތެރޭގައި ދަނީ ގަވާއިދުން ފައިސާ ދޫކުރަމުންނެވެ. އަދި މަސް ގަންނަ އަގުތަކަށް އެދެވޭ ބަދަލުތަކެއް ގެނައުމުގެ އިތުރުން، ރާއްޖޭގެ ހުރިހާ ހިސާބަކުން ހެޔޮ އަގުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމުތައް ގާއިމުކުރުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުންނެވެ.

މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް، ސާމިލު ނިޒާމެއްގެ ތެރެއިން ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ވަންނަ މައިގަނޑު އެއް ސިނާއަތަށް މަސްވެރިކަން ހެދުމަކީ ސަރުކާރުން ޚާއްޞަ އިސްކަމެއް ދީގެން ހާސިލުކުރަން އަމާޒުހިފާފައިވާ މުހިންމު ސިޔާސަތެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް