"މާލޭ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސް" އުވާލައި "މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް"ގެ ނަމުގައި އައު ގްރޫޕެއް އުފައްދަނީ

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އުވާލައްވައި، "މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް" ގެ ނަމުގައި މުޅި ރާއްޖޭގެ ސަރުކާރުގެ ހުރިހާ ޓާޝަރީ ހޮސްޕިޓަލްތައް އެކުލެވޭ އައު ގްރޫޕެއް އުފެއްދެވުމަށް ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގެ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ސިއްހީ ދާއިރާ ހަރުދަނާކުރުމަކީ ސަރުކާރުގެ އެންމެ އިސް އެއް ސިޔާސަތު ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައިވެސް އެކަމަށް ޚާއްޞަ އިސްކަމެއް ދީފައިވާނެ ކަމަށެވެ. އެގޮތުން، މިހާރު މާލޭގައި އެއް ގްރޫޕަކަށް ހަދާފައިވާ ހޮސްޕިޓަލްތަކުގެ ނިޒާމު ފުޅާކޮށް، ރާއްޖޭގެ ހުރިހާ ޓާޝަރީ ހޮސްޕިޓަލްތަކާއި ޓާޝަރީ ފެންވަރަށް ތަރައްގީކުރަން ކަނޑައަޅާފައިވާ ހޮސްޕިޓަލްތައް އެއް ވިއުގައަކުން ގުޅާލެވޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ބަދަލާއެކު ސިއްހީ ދާއިރާގައި ހުރި ތަކުރާރުވުންތައް ނައްތާލެވި، ހޮސްޕިޓަލްތަކުގެ މެދުގައި ވަސީލަތްތައް ހިއްސާކުރުމާއި ޑޮކްޓަރުންގެ ފަންނީ ޚިދުމަތް އެއް ތަނުން އަނެއް ތަނަށް ފަސޭހަކަމާއެކު ބޭނުންކުރެވޭނެއެވެ. އަދި އަންނަ ނޮވެމްބަރު މަހުން ފެށިގެން ކުރިއަށް އޮތް 3-4 މަސްދުވަހުގެ ތެރޭގައި މި ނިޒާމު ގާއިމުކުރެވޭނެ ކަމަށާއި، މިއީ އިތުރު މުވައްޒަފުން ނަގާނެ މަޝްރޫއެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން، ސަރުކާރު ޚަރަދުގައި ކިޔަވާ ޑޮކްޓަރުންގެ ޚިދުމަތް އެންމެ ފުރިހަމައަށް ލިބި، ޚާއްޞަ ދާއިރާތަކުން ބޭރުގެ އެންމެ މަތީ ފަންތީގެ ޑޮކްޓަރުން ރާއްޖޭގައި ތިއްބަވައިގެން ޚިދުމަތް ދެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް