އިންޑިއާގެ ކޮޗިންގައި ހުންނަ އަމްރިތާ ހޮސްޕިޓަލަށް އާސަންދައިގެ ދަށުން އައު ބަލިމީހުން ފޮނުވުން ވަގުތީ ގޮތުން މެދުކަނޑާލި ނަމަވެސް، މިހާރު އެ ހޮސްޕިޓަލުން ފަރުވާ ހޯދަމުންދާ ދިވެހިންނަށް އާސަންދައިގެ ޚިދުމަތް މެދުކެނޑުމެއްނެތި ލިބޭނެ ކަމަށް އާސަންދަ ކުންފުނިން ވިދާޅުވެއްޖެއެވެ. އަމްރިތާ ހޮސްޕިޓަލަކީ ގިނަ ޢަދަދެއްގެ ދިވެހިން ބޭސްފަރުވާއަށް ގޮސްއުޅޭ މުހިންމު ހޮސްޕިޓަލެކެވެ.
އާސަންދަ ކުންފުނިން ހާމަކުރެއްވި ގޮތުގައި، މިވަގުތަށް އައު ޕޭޝެންޓުން ފޮނުވުން މެދުކަނޑާލި ނަމަވެސް މިހާރު ވެސް އެ ހޮސްޕިޓަލުން ފަރުވާ ހޯދަމުންދާ ދިވެހި ބަލިމީހުންނަށް ކަންބޮޑުވުމެއް ނެތެވެ. އަދި މިހާރު ފަރުވާ ހޯދަމުންދާ މީހުންނަށް އޮންނަ އުސޫލުގެ ތެރެއިން އާސަންދައިގެ ޚިދުމަތް މެދުކެނޑުމެއްނެތި ލިބެމުންދާނެއެވެ. އައު ބަލިމީހުން ފޮނުވުން މެދުކަނޑާލީ އެ ހޮސްޕިޓަލާއެކު ވެފައިވާ އެއްބަސްވުން އައު ކުރުމުގެ މަސައްކަތްތައް ކުރަމުންދާތީ ކަމަށާއި، ނަމަވެސް ބަލިމީހުން އަލުން ފޮނުވަން ފެށޭނެ ވަކި ތާރީޚެއް އެކުންފުނިން ހާމައެއް ނުކުރެއެވެ.
ރާއްޖެއިން ބޭރުގެ ބައެއް ހޮސްޕިޓަލްތަކުން ވަގުތީ ގޮތުން އާސަންދައިގެ ޚިދުމަތް މެދުކެނޑާލާ ހާލަތްތައް މީގެ ކުރިންވެސް ދިމާވެފައިވެއެވެ. ދިވެހިރާއްޖޭގެ ސިއްޙީ ނިޒާމުގެ ތެރެއިން، ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު ވެސް އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ރާއްޖެއިން ބޭރުގެ ހޮސްޕިޓަލްތަކުން ފަރުވާ ހޯދުމަށް އަންނަނީ ޚަރަދުކުރަމުންނެވެ. ހެލްތު އިންޝުއަރެންސްގެ ޤައުމީ ނިޒާމު، އާސަންދައިގެ ދަށުން ކޮންމެ ދިވެއްސަކަށް ހިލޭ ބޭސްފަރުވާ ދައުލަތުގެ ޚަރަދުގައި ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، އެ ކުންފުނިން އަހަރެއްގެ މައްޗަށް 3 ބިލިއަނެއްހާ ރުފިޔާ ބޭސްފަރުވާއަށް ޚަރަދުކުރެއެވެ. މިވަގުތު އާސަންދައިގެ ދަށުން ބަލި މީހުން ފޮނުވަމުންދަނީ އިންޑިއާ، ސްރީލަންކާ، ދުބާއީ އަދި ތައިލެންޑްގެ ބައެއް ހޮސްޕިޓަލްތަކަށެވެ.




