ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުން މައި އިދިކޮޅު ޕާޓީ، އެމްޑީޕީއަށް ޖާގަދިނީ ވެރިކަންކުރާ ޕީއެންސީން ވަރަށް އޯގާތެރިކޮށް ކަމަށާއި، ނަމަވެސް އެމްޑީޕީއަކީ ކޮށްދޭ ހެޔޮ ކަންތައްތައް ނުފެންނަ ޕާޓީއެއް ކަމަށް ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ވިދާޅުވެއްޖެއެވެ. ފަލާޙް މިފަދައިން ވިދާޅުވީ މަޖިލީހުގެ ޖަލްސާގައި ހިނގާދިޔަ ހޫނު ބަހުސްތަކާއި އިހުތިޖާޖުތަކަށް ރައްދުދެއްވަމުންނެވެ. މަޖިލީހުގެ އެ ޖަލްސާގައި ޕީސީބީގެ ރައީސްކަމަށް މުޙައްމަދު ނިޒާރަށް ރުހުންދިނުމުގެ ރިޕޯޓު އިއްވަވަނިކޮށް، އެމްޑީޕީގެ މެންބަރުން ވަނީ ތަޅުމުގައި ބޮޑު އިހުތިޖާޖެއް ކޮށްފައެވެ.
މަޖިލީހުގެ ތަޅުމުގައި ހިނގި މި އިހުތިޖާޖާ ގުޅިގެން، އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ނާޒިލް ހިމެނޭހެން އެ ޕާޓީގެ ނުވަ މެންބަރެއްގެ ނަން އިއްވައި ވަނީ މަޖިލީހުން ބޭރުކޮށްލާފައެވެ. އެއަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ ސްޕޯކްސްޕާސަން މަޢުރޫފް ޛާކިރު ވިދާޅުވީ، ހިތަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުالله ޞާދިޤް ހުވާކުރެއްވިތާ ދެ ހަފުތާވީއިރުވެސް އެއްވެސް ކޮމިޓީއަކުން ފުރުސަތު ދީފައި ނުވާ ކަމަށެވެ. އަދި އެކަމުގެ ކަންބޮޑުވުން ފާޅުކުރުމުން ޕީއެންސީގެ ލީޑަރު ބޭއަދަބީކޮށް މުޚާތަބުކުރެއްވި ކަމަށްވެސް އޭނާ ތުހުމަތުކުރެއްވިއެވެ.
"އެކަމުގެ ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެން ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު ބޭއަދަބީކޮށް މުޚާތަބުކޮށް އެ ބޭފުޅުން ދެއްވި ކޮމިޓީއެއްގައި ދެއްވި މިންވަރަކަށް އަޅުގަނޑުމެން ތިބެން ޖެހޭނެ ކަމަށް މުޚާތަބުކޮށް ވާހަކަދެއްކުމާ ގުޅިގެން، އަޅުގަނޑުމެން އެކަމުގެ ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެން މަޖިލީހުގެ ތަޅުމުން މިއަދު މި ވަނީ ނެރެފައި،" މަޢުރޫފް ވިދާޅުވިއެވެ.
އެމްޑީޕީގެ ޕީޖީ ލީޑަރު ނާޒިލް ވިދާޅުވި ގޮތުގައި، ޞާދިޤަށް ކޮމިޓީއެއް ދިނުމާ ބެހޭގޮތުން މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله އާއި އަމީންއާންމާ ވެސް ބައްދަލުކުރައްވާފައިވެއެވެ. ނަމަވެސް، ޕީއެންސީން ބޭނުންވަނީ އެންމެ މަދުން މަސައްކަތްކުރާ ކޮމިޓީތައް ކަމަށްވާ ޕެޓިޝަން ކޮމިޓީއާއި އިމްތިޔާޒާއި ސުލޫކު ކޮމިޓީ ފަދަ ތަންތަނުން އެމްޑީޕީއަށް ޖާގަ ދިނުމަށެވެ. އެމްޑީޕީން ބުނާ ގޮތުގައި މަޖިލީހުގެ އެންމެ ބޮޑު މަސައްކަތެއް ހިނގަނީ ކޮމިޓީތަކުގައި ކަމަށްވާއިރު، މައިނޯރިޓީއެއްގެ ގޮތުގައި މަސައްކަތްކުރާ ޕާޓީއަށް ކޮމިޓީތަކުން އިތުރު ޖާގަ ދިނުމަކުން ޕީއެންސީއަށް ލިބޭނެ އެއްވެސް ގެއްލުމެއް ނެތެވެ.
އެމްޑީޕީގެ މި ތުހުމަތުތަކަށް ރައްދުދެއްވައި ޕީއެންސީގެ ޕީޖީ ލީޑަރު ފަލާޙް ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ، މަޖިލީހުގައި ޕާޓީތަކަށް ލިބިފައިވާ ގޮނޑީގެ އަދަދަށް ބަލާއިރު، މަޖިލީހުގެ ގަވާއިދުން އެމްޑީޕީއަށް ހައްގުވާ މިންވަރަށްވުރެ މާ އޯގާތެރިކޮށް ކޮމިޓީތަކުން ޖާގަ ދީފައިވާނެ ކަމަށެވެ.
"ނަމަވެސް އެމްޑީޕީއަކީ ކޮށްދޭ ހެޔޮކަން ނުފެންނަ ބައެއް، ގަދަބާރުން ކަންކަން ކުރަން ނޫޅެ ގާނޫނާއި ގަވައިދުގެ ތެރޭގައި އުޅެން އެމްޑީޕީ ދަސްކުރަން އެބަޖެހޭ،" ފަލާޙް ލިޔުއްވައިފައިވެއެވެ.
ޕީއެންސީގެ މެންބަރުން ވިދާޅުވާ ގޮތުގައި ޞާދިޤަށް ރަނގަޅު ކޮމިޓީތަކެއް ދެވޭނީ މަޖިލީހުގައި މަސައްކަތްކުރައްވާ ގޮތަށް ބެލުމަށްފަހުގައެވެ. ނަމަވެސް އެމްޑީޕީން ބުނަނީ ކޮމިޓީއެއްގައި ބައިވެރިވުމެއް ނެތި ކޮންމެ ދުވަހަކު ހެނދުނު މަޖިލީހަށް އައިސް، މަޖިލިސް ނިމުމުން ގެއަށް ވަޑައިގަންނަވަން ޖެހުމަކީ ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.



