މިދިޔަ އަހަރަކީ ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު އަހަރު ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ޖުމްލަ 39.9 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މި މަޢުލޫމާތުތައް ހިމަނާފައިވަނީ މާލީ ވުޒާރާއިން އަލަށް ނެރުނު 2025 ވަނަ އަހަރުގެ ބަޖެޓު ނަތީޖާ ބަޔާނުގައެވެ.
ބަޖެޓުގައި ކުރިން އަންދާޒާކުރި ވަރަށް ވުރެ ދައުލަތުގެ ޚަރަދުތައް ވަނީ ބޮޑުތަނުން ކުޑަކުރެވިފައެވެ. އެގޮތުން 49.2 ބިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކުރި ނަމަވެސް، އަހަރު ނިމުނުއިރު ހޭދަވެފައިވަނީ 44.2 ބިލިއަން ރުފިޔާއެވެ. މިއީ ލަފާކުރި މިންވަރަށް ވުރެ 5 ބިލިއަން ރުފިޔާގެ މަދުވުމެކެވެ. މި ބަދަލު އައީ އިސްރާފު ކުޑަކުރުމަށާއި، މަޝްރޫޢުތައް ހިންގުމުގައި ގެންގުޅުނު ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން ކަމަށް މިނިސްޓްރީން ބުނެއެވެ.
ޚަރަދުތައް ކޮންޓްރޯލް ކުރެވުމުގެ ނަތީޖާއެއްގެ ގޮތުން، ބަޖެޓް ޑެފިސިޓް ވެސް ވަނީ އާދަޔާޚިލާފަށް ދަށްވެފައެވެ. ކުރިން 9.4 ބިލިއަން ރުފިޔާގެ ޑެފިސިޓެއް އަންދާޒާކުރި ނަމަވެސް، އަހަރު ނިމުނުއިރު އެ އަދަދު ހުރީ 4.4 ބިލިއަން ރުފިޔާގައެވެ. މިއީ ޖީޑީޕީގެ ނިސްބަތުން ބަލާއިރު 3.6 އިންސައްތައެވެ. މިއީ ވޭތުވެދިޔަ ހަ އަހަރު ދުވަހުގެ ތެރޭގައި ޑެފިސިޓް މިހާ ބޮޑަށް ދަށްވި ފުރަތަމަ ފަހަރެވެ. އަޅާކިޔާލާއިރު 2020 ވަނަ އަހަރު ޑެފިސިޓް ހުރީ 16.6 އިންސައްތައިގައެވެ.
މާލީ ވުޒާރާއިން ފާހަގަކުރި ގޮތުގައި ޚަރަދު ކުޑަކުރި ނަމަވެސް، ރައްޔިތުންނަށް ދޭ އަސާސީ ޚިދުމަތްތަކަށާއި، އިޖުތިމާޢީ ރައްކާތެރިކަމަށް އެއްވެސް ބުރޫއެއް އަރާފައެއް ނުވެއެވެ. މީގެ އިތުރުން މުވައްޒަފުންގެ މުސާރައާއި ދަރަނީގެ އިންޓްރެސްޓަށް ކުރަންޖެހުނު ހޭދަވެސް ވަނީ ކުރިން ލަފާކުރި ވަރަށް ވުރެ ކުޑަކުރެވިފައެވެ.
އިތުރު ބަޖެޓަކާ ނުލައި ފާއިތުވި ފަސް އަހަރުގެ ތެރޭގައި ދައުލަތުގެ މާލިއްޔަތު ބެލެހެއްޓި ފުރަތަމަ އަހަރަކީ ވެސް މިއީއެވެ. އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރި 39.8 ބިލިއަން ރުފިޔާގެ ބަދަލުގައި 39.9 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 2019 ވަނަ އަހަރުގެ ފަހުން ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފަހަރުކަން ތަފާސްހިސާބުތަކުން ކަށަވަރުވެއެވެ.




