ވ. އަތޮޅުގައި ޑައިވްކުރަނިކޮށް ގެއްލުނު އިޓަލީގެ ހަތަރު ފަތުރުވެރިން ހޯދުމުގެ މަސައްކަތަށް އެހީތެރިވުމަށްޓަކައި، ބޭރުގެ ތަޖުރިބާކާރު ތިން ޑައިވަރުން މިއަދު ރާއްޖެ އަތުވެއްޖެއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ހިނގި މި ހާދިސާގައި ގެއްލުނު މީހުން ހޯދުމުގެ އޮޕަރޭޝަނުގައި އުޅުނު އެމްއެންޑީއެފްގެ ޑައިވަރު، ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ ވަނީ އިއްޔެ ނިޔާވެފައެވެ.
މަހުދީ ނިޔާވީ، ކަނޑުގެ އަޑީގައި ހޭނެތިފައި އޮއްވާ ފެނިގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ. މި ހިތާމަވެރި ހާދިސާއާ ގުޅިގެން، ސިފައިން ކުރިއަށްގެންދިޔަ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަން ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ.
ސަރުކާރުން ހާމަކުރި ގޮތުގައި، މި އޮޕަރޭޝަނަށް އެހީތެރިވުމަށް ރާއްޖެ އައިސްފައިވަނީ ފިންލޭންޑްގެ ތިން ޑައިވަރުންނެވެ. މި ތަޖުރިބާކާރުން ރާއްޖެ އައީ މިފަދަ ފުން ސަރަހައްދުތަކުގައި ޑައިވްކުރުމަށް ބޭނުންވާ ޒަމާނީ އާލާތްތަކާވެސް އެކުގައެވެ.
މި ހާދިސާގައި އިޓަލީގެ ފަތުރުވެރިން ތާށިވެފައިވަނީ ކަނޑުގެ 60 މީޓަރު އަޑީގައިވާ ހޮހޮޅައެއްގެ ތެރޭގައެވެ. ދިވެހި ކޯސްޓްގާޑުގެ ޑައިވަރުން އާންމުކޮށް ތަމްރީނުވެފައި ތިބެނީ 50 މީޓަރާ ހަމައަށް ޑައިވް ކުރުމަށް ކަމަށްވާއިރު، މި ހޮހޮޅައަށް ވަންނަ ދޮރު ހުންނަނީ 55 މީޓަރާއި 60 މީޓަރާ ދެމެދުގެ ފުން މިނެއްގައެވެ.
ގެއްލުނު ފަސް މީހުންގެ ތެރެއިން އެކެއްގެ ހަށިގަނޑު މިހާތަނަށް ފެނިފައިވަނީ 60 މީޓަރު އަޑީގައިވާ އެ ހޮހޮޅައިގެ ތެރެއިން ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ. ބާކީ ތިބި ހަތަރު މީހުންގެ ހަށިގަނޑުވެސް ވާނީ އެ ހޮހޮޅައިގެ ތެރޭގައި ކަމަށް ބޮޑަށް ބެލެވެއެވެ.



