ވ. އަތޮޅު ކައިރިއަށް ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ހަތަރު ފަތުރުވެރިން ހޯދުމުގެ މަސައްކަތުގައި އުޅުނު ސިފައިންގެ ބޭކަލެއްގެ ހާލު ދެރަވެގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ގެއްލުނު ފަސް ފަތުރުވެރިންގެ ތެރެއިން މިހާތަނަށް ފެނިފައިވަނީ އެންމެ މީހެކެވެ. އެމްއެންޑީއެފުން މައުލޫމާތު ދީފައިވާ ގޮތުގައި، އެ މީހާ ފެނުނުއިރު އޮތީ މަރުވެފައެވެ. އޭނާގެ ހަށިގަނޑު ފެނިފައިވަނީ ބުރާސްފަތި ދުވަހުގެ އިރުއޮއްސި 18:13 ހާއިރު، ގާތްގަނޑަކަށް 60 މީޓަރު އަޑީގައި އޮތް ހޮހަޅައެއްގެ ތެރެއިންނެވެ. ބާކީ ތިބި ހަތަރު ފަތުރުވެރިން ހޯދުމަށްޓަކައި އެމްއެންޑީއެފުން ދަނީ ފުޅާ ދާއިރާއެއްގައި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނެއް ހިންގަމުންނެވެ.
އެމްއެންޑީއެފުން 'އެކްސް' މެދުވެރިކޮށް ހާމަކުރި ގޮތުގައި، ފެލިދެއަތޮޅުގައި ގެއްލުނު ޑައިވަރުން ހޯދުމުގެ މަސައްކަތުގައި މިއަދު ފީނި ސިފައިންގެ ބޭކަލެއްގެ ހާލު ދެރަވެގެން ވަނީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައެވެ.
މި ހާދިސާއާ ގުޅިގެން، އެ ފަތުރުވެރިން ޑައިވިނަށް ދިޔަ ސަފާރީގެ އޮޕަރޭޓިން ލައިސަންސް މިހާރު ވަނީ ސަސްޕެންޑް ކުރެވިފައެވެ.



