ޕީއެސްއައިޕީ މަޝްރޫޢުތަކަށް މިއަހަރު 5.3 ބިލިއަން ރުފިޔާ ޚަރަދުކޮށްފި

ސަރުކާރުގެ ޚަރަދުގައި ތަރައްޤީގެ މަޝްރޫޢުތައް ހިންގާ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން މިއަހަރު، މި މަހުގެ 12 ވަނަ ދުވަހާ ހަމައަށް 5.3 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން އެންމެ ފަހުން ނެރުނު ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ހާމަވެއްޖެއެވެ.

ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ޕީއެސްއައިޕީއަށް ޚަރަދުކޮށްފައިވަނީ 7.0 ބިލިއަން ރުފިޔާއެވެ.

ދާއިރާތަކަށް ބަލާއިރު، މި މުއްދަތުގައި އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ އިޤްތިޞާދީ ދާއިރާއިން ކަމަށާއި، އެ ދާއިރާއިން 2.3 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ރިޕޯޓުގައި ބުނެއެވެ. އޭގެ ތެރެއިން 2 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވަނީ ދަތުރުފަތުރުގެ ދާއިރާއިންނެވެ.

ބޯހިޔާވަހިކަމުގެ ދާއިރާއިން މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް 717 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި އެ ދާއިރާއަށް ޚަރަދުކޮށްފައިވަނީ 600 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ޞިއްޙީ ދާއިރާއަށް މި މުއްދަތުގައި 359 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި މި ދާއިރާއަށް ޚަރަދުކޮށްފައިވަނީ 329 މިލިއަން ރުފިޔާއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ، ޕީއެސްއައިޕީއަށް ކުރި ޚަރަދު ދަށްވުމަކީ މަޝްރޫޢުތައް ހިންގުމުގެ ޚަރަދު ހަރުދަނާ ގޮތެއްގައި ބެލެހެއްޓެމުންދާކަން ހާމަވެގެންދާ ކަމެއް ކަމަށެވެ.

ސަރުކާރުން ވަނީ މިއަހަރުން ފެށިގެން ޕީއެސްއައިޕީ މަޝްރޫޢުތައް ހިންގުމުގައި ފައިދާއަށް ބަލާނެކަން ހާމަކޮށްފައެވެ. އެގޮތުން އަލަށް ފަށާ މަޝްރޫޢުތަކުގެ ބޭނުންތެރިކަން ދެނެގަތުމަށް ޕްރޮޖެކްޓް ޕްރިޕަރޭޓަރީ ފަންޑެއް ޤާއިމުކޮށް، އެ ފަންޑުގެ އެހީގައި މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ދިރާސާތައް ހެދުމަށް މިއަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް