އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓު ފައިނޭންސްކުރުމަށް ބޭނުންވާ ފައިސާގެ 14 އިންސައްތަ ހޯދަން ސަރުކާރުން ރާވާފައިވަނީ ބައިނަލްއަޤްވާމީ މާކެޓުގައި 2.7 ބިލިއަން ރުފިޔާގެ ސުކޫކެއް ނުވަތަ ބޮންޑެއް ވިއްކައިގެން ކަމަށް ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ބަޖެޓުގެ ތަފްސީލުތަކުން ހާމަވެއްޖެއެވެ.
އެ ތަފްސީލުތަކުގައިވާ ގޮތުން، އަންނަ އަހަރުގެ ބަޖެޓު ފައިނޭންސްކުރުމަށް ޖުމްލަ 18.9 ބިލިއަން ރުފިޔާ ހޯދަން ޖެހެއެވެ. އޭގެ 63 އިންސައްތަ، ނުވަތަ 11.9 ބިލިއަން ރުފިޔާ ހޯދާނީ އެތެރޭގެ މާކެޓުންނެވެ. އެތެރޭގެ މާކެޓުން ހޯދާ ފައިސާގެ ބޮޑު ބައެއް ހޯދަނީ ޓްރެޜަރީ ބިލް (ޓީބިލް) ވިއްކައިގެންނެވެ.
މީގެ އިތުރުން، ބައިލެޓްރަލް އަދި މަލްޓިލެޓްރަލް ޕާޓްނަރުން މެދުވެރިކޮށް 4.3 ބިލިއަން ރުފިޔާ ހޯދުމަށް ވެސް ބަޖެޓުގައި ހިމަނާފައިވެއެވެ. އޭގެ ތެރެއިން އެންމެ ބޮޑު އަދަދު ކަމަށްވާ 1.8 ބިލިއަން ރުފިޔާ ހޯދާނީ "ޕޮޓެންޝަލް ފައިނޭންސިން ޕާޓްނަރުން" ގެ ގޮތުގައި ފާހަގަކޮށްފައިވާ ފަރާތްތަކުންނެވެ. ނަމަވެސް، އެއީ ކޮން ފަރާތްތަކެއްކަން ބަޖެޓުގައި ބަޔާންކޮށްފައެއް ނުވެއެވެ.
މާލީ އިދާރާތަކުގެ ތެރެއިން އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކް (އައިޑީބީ) އިން 368 މިލިއަން ރުފިޔާ ހޯދަން ހަމަޖެހިފައިވާއިރު، ޔޫރަޕިއަން އިންވެސްޓްމެންޓް ބޭންކް (އީއައިބީ) މެދުވެރިކޮށް 324 މިލިއަން ރުފިޔާ ހޯދަން ވެސް ބަޖެޓުގައި ހިމަނާފައިވެއެވެ.
ބޭރުގެ މާކެޓުން ސުކޫކެއް ނުވަތަ ބޮންޑެއް ވިއްކަން ރާވާފައިވަނީ، 2021 ވަނަ އަހަރު ވިއްކި 500 މިލިއަން ޑޮލަރުގެ ސުކޫކަށް ދައްކަންޖެހޭ ހުރިހާ ފައިސާއެއް ސަރުކާރުން މިއަހަރު ދައްކައި ހަލާސްކުރުމަށް ފަހުގައެވެ. އެ ސުކޫކުގެ އަސްލު އަދަދާއި ކޫޕަން ފައިސާ ހިމެނޭ ގޮތަށް ޖުމްލަ 524 މިލިއަން ޑޮލަރު އަދާކޮށްފައިވާއިރު، މިއަހަރަކީ ރާއްޖޭގެ ތާރީހުގައި އެންމެ ބޮޑު ދަރަންޏެއް އަދާކުރަން ޖެހުނު އަހަރެވެ. މިއަހަރު ދަރަނި ދެއްކުމަށް ގާތްގަނޑަކަށް 26 ބިލިއަން ރުފިޔާ ހޭދަކުރަން ޖެހުނެވެ.
އަންނަ އަހަރު ނިމޭއިރު ދައުލަތުގެ ޖުމްލަ ދަރަނި 161 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވެއެވެ. އެއީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން 124 އިންސައްތައެވެ.
ސަރުކާރުން ހުށަހެޅި 59.7 ބިލިއަން ރުފިޔާގެ ބަޖެޓު، ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީން މިދިޔަ ބުރާސްފަތި ދުވަހު ފާސްކުރިއެވެ. ނަމަވެސް، އެ ބަޖެޓަށް ޢަމަލުކުރަން ފެށޭނީ މަޖިލީހުގެ ތަޅުމުން ފާސްކުރުމަށް ފަހުގައެވެ.





